އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް، މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ބަޖެޓް ކޮމިޓީގެ 9 ވަނަ ބައްދަލުވުމުގައި މި ބަޖެޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާޤުންނެވެ.
ކޮމިޓީން ބަޖެޓް ފާސްކުރުމަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ކަމަށްވާއިރު، އެ ހުށަހެޅުމަށް ތާއީދުކުރެއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރެވެ.
މި ނިންމުމާއެކު، 2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމުލަ އަދަދުގެ ގޮތުގައި 59,704,440,795 ރުފިޔާ ކަނޑައެޅިގެންދާއިރު، ހިލޭ އެހީއާއެކު ޖުމުލަ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 43,150,106,809 ރުފިޔާއެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ 8,211,992,410 ރުފިޔާވެސް ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް ބަދަލެއް ނުގެނެސް ފާސްކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.
ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ބަދަލެއް ނުގެންނަން ނިންމި ސަބަބެއްގެ ގޮތުގައި ކޮމިޓީގެ ހުށަހެޅުމުގައި ފާހަގަކޮށްފައިވަނީ، މިނިސްޓްރީތަކުގެ ބަޖެޓަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވާލާފައިވާ ބަޖެޓަކަށް ވުމާއި، މިނިވަން މުއައްސަސާތަކުގެ ބަޖެޓު އެކުލަވާލާފައިވަނީ އެ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ކަމަށް ވުމެވެ.
މީގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ބަޖެޓުގެ ދަތިކަމެއް ކުރިމަތިވެއްޖެ ހާލަތެއްގައި ކޮންޓިންޖެންސީ ބަޖެޓުން ފައިސާ ހަމަޖައްސައިދޭނެކަމުގެ ޔަޤީންކަން ފިނޭންސް މިނިސްޓްރީން ދީފައިވާތީ، ވަކިވަކި އޮފީސްތަކުގެ ބަޖެޓަށް އެއްވެސް ބަދަލެއް ގެންނަން ނުފެންނަކަމަށް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ.













