މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ”ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026“ އާ ގުޅިގެން، ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދުވުމުގެ ހަރަކާތްތައް ކުރިއަށްދާ ވަގުތުތަކުގައި މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށާއި، ދުވުންތެރިންނަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގެ ޓްރެފިކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން، 2026 ނޮވެންބަރު 20 ވާ ހުކުރު ދުވަހުގެ ދަންވަރު 02:00 އިން ފެށިގެން ހެނދުނު 09:00 އާ ހަމައަށް އަދި އެ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން 18:00 އާ ހަމައަށް ހުޅުމާލޭގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެވޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ވަގުތުތަކަކީ ރޯޑް ރޭހުގެ މައިގަނޑު ދުވުންތައް ކުރިއަށްދާނެ ވަގުތުތަކެވެ.

ފުލުހުންގެ ޚިދުމަތުން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ދުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ވެހިކަލްތައް ޕާކުކުރުމަށް ޚާއްޞަ ސަރަޙައްދުތަކެއް ވަނީ ކަނޑައަޅައި، އެ ސަރަޙައްދުތައް އެނގޭނެ ޗާޓު ޢާންމުކޮށްފައެވެ. ވުމާއެކު، ދުވުމަށް ވަޑައިގަންނަވާ އެންމެހައި ފަރާތްތަކުން ވެސް ކަނޑައެޅިފައިވާ ޚާއްޞަ ޕާކިންގ ޒޯންތަކުގައި ވެހިކަލްތައް ޕާކުކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި މި ހަރަކާތް ކުރިއަށްދާ ވަގުތުތަކުގައި މަގުތައް ބޭނުންކުރައްވާ ޢާންމު ރައްޔިތުންނާއި ދުއްވާ އެއްޗެހީގެ ޑްރައިވަރުން، ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށާއި، މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ފުލުހުން ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ.














