ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި މީހުން އެތެރެވުން މުޅިން މަނާކުރުމަށް ހިމަނައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިމިގްރޭޝަންގެ އާ ބިލު މަޖިލީހުން މިއަދު ބަލައިގަނެ، ދިރާސާކުރުމަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެންބަރުންގެ ތެރެއިން 52 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދެވެ.
އިމިގްރޭޝަންގެ މިހާރުގެ ޤާނޫނުގައި އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ރާއްޖެ އެތެރެވުން ވަކި ޚާއްސަ ހާލަތްތަކަށް ރިއާޔަތްކޮށް ހުއްޓުވޭނެ ގޮތްތަކެއް ބަޔާންކޮށްފައި އޮތް ނަމަވެސް، އަލަށް ހުށަހެޅި ބިލުގައި ވަނީ އެއްވެސް ޝަރުތަކާ ނުލައި މުތުލަގަށް އިސްރާއީލުގެ ޕާސްޕޯޓުގައި އެއްވެސް މީހަކަށް ރާއްޖެ ނާދެވޭނެ ގޮތަށް ކަނޑައަޅާފައެވެ.
މި އިސްލާހުގެ އިތުރުން، ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ކަންކަން ހަރުދަނާ އުސޫލަކުން ހިންގައި ބެލެހެއްޓުމަށްޓަކައި ”މޯލްޑިވްސް އިމިގްރޭޝަން“ ގެ ނަމުގައި މަދަނީ ވަކި ޚިދުމަތެއް ޤާއިމުކުރުމެވެ. އަދި ރާއްޖެއަށް މީހުން އައުމާއި ފުރުމާ ގުޅޭ ޚާއްސަ އަދި އާންމު އުސޫލުތައް އެކަށައެޅުމާއި، ދިވެހި ރައްޔިތުންނަށް ޕާސްޕޯޓު ދޫކުރުމުގެ އެންމެހައި ކަންކަން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ތަރުތީބު ކުރުމެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން އިމިގްރޭޝަނާ ގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައަޅުއްވާނީ ކަމާބެހޭ ވަޒީރެވެ. އަދި މޯލްޑިވްސް އިމިގްރޭޝަންގެ ޒިންމާތަކާއި، މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަރަށް ތަފްސީލުކޮށް މި ބިލުގައި ވަނީ ހިމަނާފައެވެ.












