މީހެއްގެ ނަމާއި އަބުރަށް އުނިކަން އަންނަ ގޮތަށް ދޮގު ވާހަކައެއް ފެތުރުން ނުވަތަ ލިޔުމެއް ޝާއިއުކުރުމުގެ އިތުރުން ކާޓޫނު ކުރެހުން ފަދަ އަމަލުތަކުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި 500،000 ރުފިޔާއާ ހަމައަށް ނަގައިދެވޭ ގޮތަށް އެކުލަވާލާފައިވާ ”ނަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލު“ ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.
ސަރުކާރުގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި މި ބިލު ބަލައިގަތުމަށް މިއަދު ހަވީރު ބޭއްވި ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 44 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ބިލު ބަލައިގަތުމާ ދެކޮޅަށް ހަތަރު މެންބަރަކު ވޯޓު ދެއްވިއިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވައި ހަތް މެންބަރަކު ތިއްބެވިއެވެ.
މި ބިލު އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީހުންގެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގާ ދެމެދު ހަމަހަމަ އުސޫލެއް ގާއިމުކުރުމެވެ. އަދި އަބުރަށް ގެއްލުން ލިބޭ ހާލަތްތަކުގައި ޝަރީއަތުގެ ކުރިންނާއި ޝަރީއަތުގެ މަރުހަލާގެ ތެރެއިން އިންސާފު ހޯދައިދެވޭނެ ހަރުދަނާ ގާނޫނީ ނިޒާމެއް ގާއިމުކުރުމަކީވެސް ބިލުގެ މަގުސަދެކެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން އަބުރާ ބެހުން ހިމެނޭނީ ޖިނާއީ ކުށެއްގެ ބަދަލުގައި މަދަނީ ކުށެއްގެ ގޮތުގައެވެ. އެގޮތުން އަބުރަށް ލިބޭ މައުނަވީ ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި 50،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ބަދަލު ނަގައިދެވޭއިރު، މާއްދީ ގެއްލުމުގެ ބަދަލުގެ ގޮތުގައިވެސް އެންމެ ބޮޑުވެގެން ނަގައިދެވޭނީ ފަސް ލައްކަ ރުފިޔާއެވެ.
މި ގާނޫނުގެ ދަށުން އަބުރާ ބެހުމުގެ އަމަލެއް ފުރިހަމަވާނީ ތިން ޝަރުތެއް ހަމަވެގެންނެވެ. އެއީ ފަތުރާ މައުލޫމާތަކީ ދޮގަކަށްވުމާއި، އެއީ އާންމުކޮށްފައިވާ އެއްޗަކަށްވުމުގެ އިތުރުން އެ ވާހަކައެއް ނިސްބަތްވަނީ ދައުވާކުރާ ފަރާތަށްކަން އެނގުމެވެ. ސީދާ ނަން ނުވަތަ ފޮޓޯ ބޭނުންނުކުރި ނަމަވެސް، އިޝާރާތް ކުރަނީ ވަކި މީހަކަށްކަން ދޭހަވާނަމަ އެއީ އަބުރާ ބެހުން ކަމަށް ބެލެވޭނެއެވެ. ނަމަވެސް، ހާމަކުރި ވާހަކައަކީ ފުރިހަމަ ތެދު ހަގީގަތެއް ނަމަ، ނުވަތަ ތެދުގެ މައްޗަށް ބިނާކޮށް ހެޔޮ ނިޔަތުގައި ފާޅުކުރި ހިޔާލެއް ނަމަ އެއީ ކުށެއް ނޫނެވެ.
ވަކިވަކި ފަރުދުންނާއި ގާނޫނީ ޝަހްސުތަކުގެ އިތުރުން ބްރޯޑްކާސްޓް މީޑިއާތަކާއި، އޮންލައިން ނޫސްތަކާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ މައްޗަށްވެސް މި ގާނޫނު ހިނގާނެއެވެ. އަދި ރާއްޖޭން ބޭރުގައި ހުރެގެން ކުރާ އަމަލަކުން ރާއްޖޭގައި ހުރި މީހެއްގެ އަބުރަށް ގެއްލުން ލިބުނަސް މި ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. އެހެންނަމަވެސް، ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އަބުރުގެ ދައުވާއެއް ނުކުރެވޭނެ ކަމަށާއި، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގެ އިތުރުން ކޯޓުތަކުގެ ޝަރީއަތުގައި ދައްކާ ވާހަކަތަކަށް ފުރިހަމަ އިމްތިޔާޒު ލިބިގެންވާ ކަމަށް ބިލުގައިވެއެވެ.
މިފަދަ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ކުރިން، ލިޔުމުން ނޯޓިސް ދީގެން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތަށް ލިބިދެއެވެ. އޭގެ ތެރޭގައި ދޮގު މައުލޫމާތު އަނބުރާ ގެންދިއުމާއި، އިސްލާހު ގެނައުމާއި، އާންމުކޮށް މައާފަށް އެދުން ފަދަ ކަންކަން ހިމެނެއެވެ.
އަބުރާ ބެހުމުގެ އަމަލެއް ހިނގާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ކޯޓަށް ދައުވާ ހުށަހަޅަންޖެހޭއިރު، މައްސަލަ ހުށަހަޅާތާ ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި ޝަރީއަތުން ގޮތެއް ނިންމަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ބިލު ގާނޫނަކަށް ވެ އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލައި ގެޒެޓްކުރަންޖެހޭނީ ބަންޑާރަނައިބުގެ އޮފީހުންނެވެ.













