މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން، ރާއްޖޭގައި މަނީ ޗޭންޖިންގ ޚިދުމަތް ދެމުންދިޔަ 3 ކުންފުންޏަކަށް އިދާރީ ހަރުކަށި ފިޔަވަޅުތަކެއް އަޅައި، އެ ފަރާތްތަކުގެ ލައިސަންސް މިއަދު ހިފަހައްޓައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު (18 ނޮވެންބަރު 2026) ފިޔަވަޅު އަޅާފައިވަނީ އެލް.ވީ.އާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް އަދި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް އަށެވެ.
މި ފިޔަވަޅުތަކުގެ ތެރެއިން އެލް.ވީ.އާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ކުރެން ކޮންމެ ކުންފުންޏެއް 250,000 (ދެ ލައްކަ ފަންސާސް ހާސް) ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ވަނީ 500,000 (ފަސް ލައްކަ) ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މި ޖޫރިމަނާތަކުގެ އިތުރުން، މި ތިން ކުންފުންޏަށް ދޫކޮށްފައިވާ މަނީ ޗޭންޖަރ ލައިސަންސް މިއަދުން ފެށިގެން ހިފެހެއްޓުމަށްވެސް ވަނީ ނިންމާފައެވެ.
އެގޮތުން ހިފަހައްޓާފައިވަނީ:
އެލް.ވީ.އާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ލައިސަންސް (ނަންބަރު: 20250719T1MCL74) މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ ލައިސަންސް (ނަންބަރު: 20250832T1MCL73) އަދި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ ލައިސަންސް (ނަންބަރު: 20250615T1MCL44) އެވެ.
އެމްއެމްއޭ އިން ހާމަކުރި ގޮތުގައި، ރާއްޖޭގައި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގުމުގައި ބައެއް ފަރާތްތަކުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުނުކުރާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، ބޭރު ފައިސާގެ ހުރިހާ މުއާމަލާތެއްވެސް ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހިންގުމަށް ހުރިހާ ފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، ގާނޫނާއި ގަވާއިދާ ޚިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ކުރިއަށް އޮތް ތަނުގައިވެސް ތަންފީޒީ އިދާރާތަކާ ގުޅިގެން ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ އިންޒާރުވެސް ކަމާބެހޭ އިދާރާއިން ވަނީ ދީފައެވެ.










