ބަންކަރިން ވިޔަފާރި ފުޅާވެ، އެ ޚިދުމަތުން ލިބޭ އާމްދަނީ 70 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާގެ ”ހަފްތާ 156“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވީ، 2024 ވަނަ އަހަރު މި ޚިދުމަތް ތަޢާރަފުކުރި ފުރަތަމަ ދެތިން މަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބުނީ 2.9 މިލިއަން ޑޮލަރު ކަމަށެވެ.
އެއަށްފަހު މިދިޔަ 2025 ވަނަ އަހަރު އެ އަދަދު 18 މިލިއަން ޑޮލަރަށް އިތުރުވެ، މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އާމްދަނީ 70 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާކަން ޝިމާދު ފާހަގަކުރެއްވިއެވެ.
މި ވިޔަފާރިއަކީ މީގެކުރިން ބޭރުގެ ފަރާތްތަކުން ނަފާ ހޯދަމުން ދިޔަ ދާއިރާއެއް ނަމަވެސް، މިހާރު އެ ފައިސާ ރާއްޖެއަށް ވަންނާނެ މަގު ފަހިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ބޯޓުފަހަރުގައި ދެމުން އަންނަ އޮފްޝޯ ބަންކަރިންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، އިހަވަންދިއްޕޮޅުފަދަ ސަރަޙައްދުތަކުގައި އެއްގަމުގައި ތެޔޮ ރައްކާކުރެވޭނެ ނިޒާމު ނުވަތަ ލޭންޑް ބޭސްޑް ސްޓޯރޭޖް ޤާއިމުކުރަންޖެހޭ ކަމަށްވެސް ޝިމާދު ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް އާމްދަނީ އިތުރުކުރުމުގެ މަޤްޞަދުގައި، ބައިނަލްއަޤްވާމީ ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ ވިޓޯލްއާ ގުޅިގެން އެސްޓީއޯއިން ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ.













