ދައުލަތުގެ ބޭރުގެ ދަރަންޏާއި އެކި ކުންފުނިތަކަށް ދައްކަންހުރި ބިލުތައް އަދާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ޖީޑީޕީގެ ނިސްބަތުން 10.5 އިންސައްތައިގައި ހުރި ބަޖެޓު ޑެފިސިޓް މިހާރު އެއް އަކުރަށް ތިރިކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހަގީގީ މިނިވަނުންނަކީ އިގްތިޞާދީ ގޮތުން މިނިވަންވެފައިވާ ބައެއް ކަމަށާއި، 2023 ވަނަ އަހަރު ވެރިކަމާ ޙަވާލުވިއިރު އޮތް މާލީ ދަތިތަކުން އަރައިގަތުމަށް ހަރުދަނާ ފިސްކަލް ސިޔާސަތުތަކެއް ތަންފީޒުކުރެވުނު ކަމަށެވެ.
މި ސަރުކާރުން އެކުލަވާލި ފުރަތަމަ ބަޖެޓު ކަމަށްވާ 2025 ވަނަ އަހަރުގެ ބަޖެޓާއެކު އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ބަޖެޓު ޑެފިސިޓް 3.6 އިންސައްތައަށް ކުޑަކުރެވުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި، ތެލުގެ އަގު އުފުލުމުގެ އިތުރުން ފަތުރުވެރިކަމަށް ކުރިމަތިވި ލޮޅުންތަކާއެކުވެސް، މިއަހަރު ނިމޭއިރު ޑެފިސިޓް 6.2 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އަމާޒަކީ 2028 ވަނަ އަހަރު ނިމޭއިރު ޑެފިސިޓް 5 އިންސައްތައަށްވުރެ ދަށްކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
މާލީ އިޞްލާޙީ ފިޔަވަޅުތަކާއެކު ދަރަނި ދެއްކުމަށް ކުރި މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކަރަންސީ ސްވޮޕާއެކު ފާއިތުވި ތިން އަހަރުގެ ތެރޭގައި ޖުމްލަ 1.45 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި އަދާކޮށްފައިވާ ކަމަށާއި، މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ދަރަނި ދެއްކި މިންވަރަށްވުރެ 483 މިލިއަން ޑޮލަރު އިތުރު އަދަދެއް ކަމަށެވެ.
މިއަހަރަކީ ސުކޫކު ފައިސާ އަނބުރާ ދައްކަންޖެހުނު އަހަރުކަމުން އެކަމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ކުރީ ސަރުކާރުން އެކި ކުންފުނިތަކަށް ނުދައްކައި ހުރި ބިލުތަކުގެ ތެރެއިން 1.55 ބިލިއަން ރުފިޔާ މިދިޔަ އަހަރާއި މިއަހަރުގެ ތެރޭގައި ދައްކާފައިވާ ކަމަށާއި، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެކި ބިލުތަކަށް ޖުމްލަ 25.13 ބިލިއަން ރުފިޔާ ދައްކައި ޚަލާޞްކޮށްފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ.











