ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން، ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހާސިލުކޮށްފައިވާ މުހިންމު ކާމިޔާބީތައް ހިމަނައިގެން އެކުލަވާލާފައިވާ ޚާއްޞަ ފޮތް އެމަނިކުފާނު ދެންމެ އިފްތިތާޙު ކުރައްވައިފިއެވެ.
މި ފޮތް އިފްތިތާޙު ކޮށްދެއްވާފައިވަނީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ހުޅުމާލޭގައި ބާއްވަމުންދާ ޚާއްޞަ ޖަލްސާގައެވެ.
މި ފޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވާ ތަރައްޤީގެ މަޝްރޫޢުތަކާއި، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ސަރުކާރުން ހާސިލުކޮށްފައިވާ ލަނޑުދަނޑިތަކުގެ ތަފްޞީލުތައް ވަނީ ހިމަނާފައެވެ.
ސަރުކާރުން އާންމުކުރި މި ފޮތް ޑިޖިޓަލްކޮށް ކިޔާލުމަށާއި ޑައުންލޯޑް ކުރުމުގެ ފުރުޞަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އެގޮތުން މި ފޮތް ޑައުންލޯޑް ކުރެއްވުމަށްޓަކައި، ސަރުކާރުން އާންމުކޮށްފައިވާ ޚާއްޞަ ކިއުއާރު ކޯޑް ސްކޭން ކޮށްލެއްވުމުން ފަސޭހަކަމާއެކު ފޮތް ލިބިވަޑައިގަންނަވާނެއެވެ.
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބާއްވާ މި ޖަލްސާގައި ސަރުކާރުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ދަނީ ބައިވެރިވަމުންނެވެ.










