އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ވަޙީދު މަޖިލީހަށް ހުށަހެޅުއްވި މި ބިލު ފާސްވެގެންދިޔައީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ.
މި އިސްލާހު ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ޓެކްސް ދައްކަންޖެހޭ އާމްދަނީ ހިސާބުކުރުމުގައި އިންޓްރެސްޓް އުނިކުރެވޭނެ އުސޫލުތަކާއި މިންގަނޑުތައް މުރާޖައާކޮށް ގާނޫނަށް ބަދަލު ގެނައުމުގެ އިތުރުން، މިހާރު އަމަލުކުރާ ގާނޫނުގައި ހުރި ބައެއް މާއްދާތައް އުނިކުރުމެވެ.
މަޖިލީހުން ފާސްކުރި މި ބިލުގައިވާ ގޮތުން، އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ކަނޑައަޅާފައިވަނީ ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތެއްގެ ”ޓެކްސް-އެބިޓްޑާ“ ގެ 25 އިންސައްތައެވެ.
ގާނޫނަށް ގެނައި މި މުހިންމު ބަދަލުތަކަށް ރަސްމީކޮށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
މި އިސްލާހަށް އަމަލުކުރަން ފެށުމުން އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ދައުލަތަށް 496،300،302 ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.












