ރަތް ކަނޑުގެ އައްސޭރިފަށުގައި ހޫތީ ހަނގުރާމަވެރިންގެ ހަމަލާތައް ވަރުގަދަވެ، ސައޫދީން ވާގިވެރިވާ ޔަމަނުގެ ސަރުކާރު ސިފައިން ފަހަތަށް ޖެހެން މަޖުބޫރުވުމާ ގުޅިގެން، ސައޫދީ އަރަބިއްޔާ އިސްވެ އޮވެ އުފައްދާފައިވާ އަސްކަރީ ކޯލިޝަންގެ ކޮމާންޑަރު މަގާމުން ވަކިކޮށް އާ ބޭފުޅަކު އެ މަގާމަށް އައްޔަންކޮށްފި އެވެ.
ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އިއްޔެ ނެރުއްވި ރަސްމީ އަމުރުފުޅެއްގައި، ޖޮއިންޓް ފޯސަސް ކޯލިޝަންގެ އާ ކޮމާންޑަރުގެ މަގާމު ހަވާލުކުރައްވާފައި ވަނީ ސައޫދީ އަސްކަރިއްޔާގެ ޗީފް އޮފް ދަ ޖެނެރަލް ސްޓާފް ޖެނެރަލް ފައްޔާޒް ބިން ހާމިދު އަލް ރުވައިލީއާ އެވެ.
ސައޫދީ ޕްރެސް އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި، ޖެނެރަލް ރުވައިލީ ކޯލިޝަންގެ ކޮމާންޑަރުކަމާ ހަވާލުވެވަޑައިގަންނަވާނީ، އޭނާ މިހާރު ވެސް އަދާކުރައްވަމުން ގެންދަވާ ޗީފް އޮފް ސްޓާފްގެ މަގާމާ އެކުގަ އެވެ.
މި ބަދަލާއެކު މަގާމުން ވަކިކުރި ލެފްޓިނެންޓް ޖެނެރަލް ފަހުދު ބިން ހަމަދު އަލް ސަލްމާން ދެން އައްޔަންކުރައްވާފައި ވަނީ، ޑިފެންސް މިނިސްޓަރު ޕްރިންސް ހާލިދު ބިން ސަލްމާންގެ އަސްކަރީ ކަންކަމާ ބެހޭ މުޝީރުގެ މަގާމަށެވެ.
ފަހުދު އަލް ސަލްމާން ކޯލިޝަންގެ ކޮމާންޑަރުކަމާ ހަވާލުވެވަޑައިގަތީ 2024 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ.
އަސްކަރީ ލީޑަޝިޕަށް މި ބޮޑު ބަދަލު ގެނެސްފައި މި ވަނީ، ސްޓްރެޓެޖިކް ގޮތުން މުހިންމު ބާބުލް މަންދަބު ކަނޑުއޮޅި ކައިރިން ކޯލިޝަން ސިފައިން ފަހަތަށް ޖެހުނުތާ އެއް ދުވަސް ފަހުންނެވެ.
ހޫތީންގެ ހަމަލާތައް ވަރުގަދަކޮށް ޔަމަނުގެ ވަގުތީ ވެރިރަށް އަދަންއާ 60 ކިލޯމީޓަރަށް ކައިރިވުމާ ގުޅިގެން، ކޯލިޝަން ސިފައިން ވަނީ އަދަންގެ ދިފާއީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ފަހަތަށް ޖެހިފަ އެވެ.
މިދިޔަ ޖުލައި މަހު ޔަމަނުގެ ހަނގުރާމަ އަލުން ހޫނުވުމަށް ފަހު، ސެޕްޓެމްބަރު މަހުގެ ތެރޭގައި ހޫތީން ވަނީ ބަނދަރުމަތީ ރަށެއް ކަމަށްވާ މޮޚާ ވެސް ހިފައިފަ އެވެ.
މީގެ އިތުރުން ސައޫދީގެ އެއާޕޯޓްތަކަށާއި ތެޔޮ ކާރުހާނާތަކަށް އަމާޒުކޮށް ހޫތީ ހަނގުރާމަވެރިން ދަނީ ބެލިސްޓިކް މިސައިލް ހަމަލާތައް ވެސް ފޮނުވަމުންނެވެ.














