ސަރުކާރުގެ ސިޔާސަތުތައް އެކުލަވައިލުމުގައި ފަންނީ ދާއިރާތަކުގެ ތަޖުރިބާކާރުންގެ އިލްމީ ލަފަޔާއި މަޝްވަރާ ހޯދުމަށްޓަކައި، ކޮންމެ ވުޒާރާއަކަށް ޚާއްސަ ކޮމިޓީތަކެއް އުފައްދަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، މި ނިންމެވުމަކީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހު، އެ މަޖިލީހުގެ ލަފަޔާއެކު ނިންމެވި ނިންމެވުމެކެވެ.
މި ނިންމެވުމުގެ ދަށުން ”ފަންނީ ދާއިރާތަކުގެ ޚާއްސަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް“ އެކުލަވައިލައި ހިންގުމުގައި އަމަލުކުރާނެ އުސޫލެއް ކަނޑައަޅުއްވައި، އެ އުސޫލަށް އަމަލުކުރަން ފެށްޓެވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެކި ދާއިރާތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމަށް މަޝްވަރާކޮށް، ދާއިރާގެ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ބައިވެރިވުމާއެކު ސިޔާސަތުތައް ތަންފީޒުކުރުމަށް މަގުފަހިކުރުމަކީ މި އުސޫލުގެ މައިގަނޑު ބޭނުމެވެ.
މި އުސޫލުގެ ތެރެއިން ކޮންމެ ވުޒާރާއެއްގެ ދާއިރާތަކާ ގުޅޭ ޚާއްސަ ކޮމިޓީތައް އެކުލަވައިލާއިރު، މެންބަރުންގެ ގޮތުގައި އައްޔަންކުރައްވާނީ އެ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކޮށް، އަމަލީ ތަޖުރިބާ ލިބިފައިވާ ފަންނުވެރިންނެވެ.
މި ކޮމިޓީތަކުގައި މެންބަރުން އަދާކުރައްވާ ޒިންމާއަކީ އެއްވެސް މާލީ އުޖޫރައެއް ނުލިބޭ ގޮތަށް، ގައުމީ ޚިދުމަތެއްގެ ގޮތުގައި ކުރިއަށް ގެންދަވާ މަސައްކަތެއް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފަ އެވެ.













