ނ. އަތޮޅުގެ ދެ ރަށެއް ކަމަށްވާ މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒުތައް މިއަދު ރަސްމީކޮށް ހުޅުވައި، އެ ދެ ރަށުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.
މި ދެ މަރުކަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ އެ ދެ ރަށުގައި މިއަދު ވަކިވަކިން ބޭއްވި ޚާއްޞަ ރަސްމިއްޔާތުތަކެއްގައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން އިމާރާތްކުރި މި ދެ މަރުކަޒުގެ ތެރެއިން މާފަރު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. އަދި ފޮއްދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައިވަނީ އޭގެ ދެ ދުވަސް ފަހުން، ޖުލައި 23 ވަނަ ދުވަހުއެވެ.
މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ރަށްރަށުގައި އަމިއްލަ ޕޮލިސް ސްޓޭޝަންތައް ޤާއިމުކޮށް ޚިދުމަތް ފެށުމުން އެ ރަށްރަށުގެ ކުށުގެ ވެއްޓަށް ހެޔޮ ބަދަލުތަކެއް އައިސް، ކުށްކުރާ މިންވަރު ވަރަށް ބޮޑުތަނުން ދަށްވެފައިވާ ކަމަށެވެ.
ޚާއްޞަކޮށް އެ ސަރަޙައްދުގައި ގެވެށި އަނިޔާ ފަދަ މައްސަލަތައް ރިޕޯޓުކުރެވޭ މިންވަރު އިތުރުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރަށްރަށުގައި ފުލުހުން ޤާއިމުވެ ތިބެ މަސައްކަތް ކުރަން ފެށުމުން އެފަދަ މައްސަލަތަކަށް ވަރަށް އެދެވޭ ހެޔޮ އަސަރުތަކެއް ކޮށްފައިވާ ކަމަށާއި، މާފަރުގައި ތިއްބަވާ ފުލުހުންވެސް އެ ރޫޙުގައި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން، ރައްޔިތުންނާ ވީހާވެސް ގާތުން އެންމެ އެދެވޭ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ވަޒީރު ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
މުޖުތަމަޢުގެ އަމާންކަމާއި ހަމަޖެހުން އެންމެ ފުރިހަމައަށް ޤާއިމުކުރެވޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކުގައިކަން ފާހަގަކުރައްވައި، ބޭނުންވާ މަޢުލޫމާތުތައް ގަވާއިދުން ފުލުހުންނާ ހިއްސާކުރުމަށާއި، ފުލުހުންގެ އެހީތެރިކަމަށް ބޭނުންވާ ހާލަތްތަކުގައި ލަސްނުކޮށް އެ ޚިދުމަތް ހޯދުމަށް ވަޒީރު ވަނީ ރައްޔިތުންގެ ކިބައިން އިލްތިމާސް ކުރައްވާފައެވެ.










