ދިވެހިރާއްޖޭގެ ހަމަޖެހުމާއި ރައްކާތެރިކަން ދެމެހެއްޓުމުގެ އިތުރުން ޤައުމީ ތަރައްޤީ ކަށަވަރުކުރުމަށް އޮތް ހަމައެކަނި މަގަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދެވަނަ ދައުރެއް ދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކޮންގްރެސް ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވީ، ޕީއެންސީއާއި އަދާލަތު ޕާޓީއާ ދެމެދު ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަންނަވާ ރައީސަކަށް ރައީސް މުޢިއްޒު ހަދަންޖެހޭ ސަބަބުތައް ބަޔާންކުރައްވަމުން އޭނާ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލުގެ ފަލަ ރަތް ރޮނގު ހުރަސްކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދެއްވައި، ރިވެތި ޑިޕްލޮމަސީގެ އުސޫލުން އެމަނިކުފާނު ޚާރިޖީ ގުޅުންތައް ބަދަހިކުރައްވަމުން ގެންދަވާ ކަމަށެވެ.
ސިޔާސީ މަސްރަޙުގައި ބަޔަކު ޝައްކާއި ވަހުމު އުފައްދަން މަސައްކަތް ކުރި ނަމަވެސް، ޤައުމުގެ ހޭލުންތެރި އަދި ވިސްނުންތެރި ބޮޑު އަޣުލަބިއްޔަތު ތިބީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ބަލައިގަނެ، އެމަނިކުފާނަށް ތާއީދުކުރަން ތައްޔާރަށް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އެގޮތުން، އިސްލާމްދީނުގެ އަސާސްތައް ނަގަހައްޓައި ދެމެހެއްޓުމުގެ މަޤްޞަދުގައި އުފެއްދެވި، ރާއްޖޭގައި މިވަގުތު އޮތް އެންމެ ދުވަސްވީ އެއް ސިޔާސީ ޕާޓީ ކަމަށްވާ އަދާލަތު ޕާޓީން ސަރުކާރާ ގުޅުމުން ދޭހަވަނީ ރައްޔިތުންގެ ހިތުގައި ސަރުކާރަށް އޮތް އިތުބާރާއި ޔަޤީންކަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޕީއެންސީގެ ސަރުކާރަށް ތިން އަހަރު ފުރެން އެއް ދުވަހަށް ވެފައި ވަނިކޮށް އަދާލަތު ޕާޓީން ސަރުކާރާ ގުޅުމަކީ ތަރައްޤީގެ މަސައްކަތްތައް އިތުރު ގިޔަރަކަށް ޖެހި، ހަލުވިވެގެންދާނެ ކަމެއް ކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޤައުމާމެދު ވިސްނާނަމަ ކަންކަމުގައި ޙައްޤުބަސް ބުނަންޖެހޭނެ ކަމަށާއި، ތިމާއަށްވުރެ މޮޅަށް އެހެން މީހަކު ކަމެއް ކުރާނަމަ އެކަމަކަށް އެއްބާރުލުން ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ހަމައެކަނި ދުލުން ”ޤައުމާއި ދީނަށްޓަކައޭ“ ބުނުމުގެ ބަދަލުގައި ޢަމަލީގޮތުން ޤައުމީ މަޞްލަޙަތު އިސްކުރަންޖެހޭ ކަމަށާއި، އަމިއްލަ އެދުމަށްޓަކައި ޙަޤީޤަތް އޮޅުވާލައި ފިތުނަ އުފެއްދުމަކީ ޤައުމަށް އިޚްލާޞްތެރިވުން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ޢަބްދުއްރަޙީމް ވަނީ، ޒުވާނުންގެ ވިސްނުން ބަދަލުވެފައިވާ މި ދަނޑިވަޅުގައި އާ ފިކުރާއެކު ޤައުމު ބިނާކުރުމަށް އެންމެން ގުޅިގެން އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.













