ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމަކަށްފަހު އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު އަދި ހައުސިންގް މިނިސްޓަރ ޑރ. މުއްޠަލިބް ނުކުމެވަޑައިގެން ހިންގަވާފައި ވަޑައިގެންނެވި ވަގުތު، ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑުތަކާއި ހަމަތަކުން ބޭރުން، މަގުމަތިން ދިމާކުރާ އުސޫލުން ”އަދަދު“ ނޫހުގެ ފަރާތުން މިނިސްޓަރުންނަށް ފުރައްސާރަ ކުރުމުގެ ޢަމަލެއް ހިންގައިފިއެވެ.
ރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި، މިނިސްޓަރ މުޙައްމަދު ސަޢީދުގެ އިތުރުން އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޢަބްދުﷲ މުއްޠަލިބު އަދި އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ވަޑައިގެންނެވީ ޕީއެންސީގެ މެންބަރުންނާއެކު ބޭއްވުނު ބައްދަލުވުމަކަށެވެ. އެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު މިނިސްޓަރ ސަޢީދު މަޖިލިސް އިދާރާއިން ނުކުމެވަޑައިގެން ކާރުކޮޅާ ދިމާލަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް، ”އަދަދު“ ނޫހުގެ ފަރާތުން ވަނީ ސުވާލުކުރުމުގެ ނަމުގައި މިނިސްޓަރުގެ ފަހަތްޕުޅުން އަޅުވާލައި، އުނދަގޫވާ ގޮތަށް ތަކުރާރުކޮށް އަޑުގަދަކޮށް ޖެއްސުން ކުރުމުގެ ޢަމަލުތަކެއް ހިންގާފައެވެ.
މިނިސްޓަރ ސަޢީދަކީ ޤައުމުގެ އިޤްތިޞާދީ ސިޔާސަތުތަކާއި ވިޔަފާރީގެ ކަންކަމުގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށް އެންމެ ގިނައިން ވާހަކަފުޅު ދައްކަވާ އެއް ވަޒީރެވެ. ޑޮލަރުގެ އަގާއި ފޮރިން އެކްސްޗޭންޖް ސިޔާސަތުތަކަކީ ޤާނޫނީ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މަސްއޫލިއްޔަތެއްކަން މިނިސްޓަރ ވަނީ މީގެ ކުރިން މަޖިލީހުގައިވެސް ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ. އަދި ކަޅު ބާޒާރުގެ އަގުތަކާ ގުޅުވައިގެން ބައެއް މީޑިއާތަކުން ޙަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރައި، އިޤްތިޞާދީ ނުތަނަވަސްކަން އުފައްދަން މަސައްކަތް ކުރާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
އެހެންނަމަވެސް، ރަސްމީ އުސޫލުތަކުގެ ތެރެއިން ސުވާލުކުރުމުގެ ބަދަލުގައި، ދައުލަތުގެ ވަޒީރަކު ރޭގަނޑުގެ ވަގުތެއްގައި މަގުމަތިން ހިންގަވާފައި ވަޑައިގަންނަވަނިކޮށް ކެމެރާ ހިފައިގެން ފަހަތުން ދުވެ، ފުރައްސާރަކުރާ ބީދައިން ސުވާލުތައް އަމާޒުކުރުމަކީ ޒިންމާދާރު ނޫސްވެރިކަމުގެ ސިފައެއް ނޫނެވެ. މިނިސްޓަރ ސަޢީދު ވަނީ އެފަދަ ދަށުދަރަޖައިގެ ޖެއްސުންކުރުންތަކަށް ރައްދު ނުދެއްވައި، ޙިކުމަތްތެރިކަމާއެކު އެކަމަށް އިޖާބަ ނުދެއްވައި ކާރުކޮޅަށް އަރާވަޑައިގެންފައެވެ. އަދި މިނިސްޓަރ މުއްޠަލިބު ކޮނޑުގައި އޮތް ދަބަހުގައި ހުރީ ކޯޗެއްތޯ ބަލަން މަސައްކަތްކޮށް އަދަދު ނޫސްވެރިން ވަނީ ފުރައްސާރަކޮށްފައެވެ.
”އަދަދު“ ނޫހުގެ ފަރާތުން މީގެ ކުރިންވެސް ވަނީ ނޫސްވެރިކަމުގެ އިންތަކާއި މިންތަކުން ބޭރުވެ، ކޯޓު އަމުރުތަކަށް ގޮންޖަހައި، ސަރުކާރުގެ އިސްވެރިންނަށް އަމާޒުކޮށް ޒާތީ ޙަމަލާތަކާއި ފުރައްސާރައިގެ ޢަމަލުތައް ހިންގާފައެވެ. އެފަދަ ޢަމަލުތަކުގެ ސަބަބުން ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކުން އެ ނޫހަށް ފުރުޞަތު ގެއްލިފައިވާއިރު، މިހާރު އެ ނޫހުން ގެންގުޅެނީ މަގުމަތިން ވަޒީރުންނާ ދިމާކޮށް، ވީޑިއޯކޮށް، ޖެއްސުން ކުރުމުގެ އުސޫލެއްކަން ރޭގެ ހާދިސާއިން ވަރަށް ސާފުކޮށް ހާމަވެގެން ހިނގައްޖެއެވެ.












