މާލޭގައި 2015 ވަނަ އަހަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މާބަނޑު އަންހެނަކު މަރުވި މައްސަލައިގައި ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ކަނޑައެޅުމާ ގުޅިގެން، އަދަބު ކަނޑައެޅުމުގެ ގޮތުން ވާރިސުންގެ ބަސް ނެގުމުގެ މަސައްކަތް ކްރިމިނަލް ކޯޓުން ފަށައިފިއެވެ.
މީގެ 11 އަހަރު ކުރިން ހިނގި މި ހާދިސާގައި، އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ސ. މީދޫ، އިރާސްމެކުގެ އަލީ އާލިމްގެ މައްޗަށެވެ. މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ހއ. ހޯރަފުށީ ގާތުގިރި، އަޒްލީލާ އަލީ އެވެ. އޭނާ ނިޔާވި އިރު ބަނޑަށް ދޮޅު މަހެވެ.
މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވަނީ، އަޒްލީލާގެ މަރަކީ އާލިމް އެކަމަށް ޒިންމާ އުފުލަންޖެހޭ އަދި އިސްލާމީ ޝަރީއަތުގެ ނަޒަރުން ގަތުލް ޚަޠާއެއް ކަމަށެވެ. އެހެންކަމުން، ހައިކޯޓުން ވަނީ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ވާރިސުންގެ ބަސް ނެގުމަށާއި އަދަބު ކަނޑައެޅުމަށްޓަކައި މި މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ތަހުވީލު ކޮށްފައެވެ.
އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި، ނިޔާވި އަޒްލީލާގެ އާއިލާގެ ދެ މެންބަރަކު މެދުވެރިކޮށް ވާރިސުންނަކީ ކޮބައިކަން ވަނީ ދެނެގަނެފައެވެ. އެގޮތުން އަޒްލީލާ ނިޔާވި އިރު ވާރިސުންގެ ގޮތުގައި ތިބީ އޭނާގެ މަންމައާއި ބައްޕަގެ އިތުރުން ފިރިމީހާއާއި ފިރިހެން ދަރިފުޅެވެ. ނަމަވެސް، އޭގެ ފަހުން އޭނާގެ މަންމަ ވަނީ ނިޔާވެފައެވެ.
ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި، ދުނިޔޭގައި ތިބި ވާރިސުންގެ ތެރެއިން އަޒްލީލާގެ ފިރިމީހާއާއި ދަރިފުޅު ވަނީ އެ މީހުން މަރުގެ ދިޔަ ބޭނުން ނުވާ ކަމަށް ބުނެފައެވެ. ނަމަވެސް، އަޒްލީލާގެ ބައްޕަ އުމުރުން ދުވަސްވެ ބަލިހާލަތު ހުރި ގޮތުން އެނދުމަތިވެފައި ވާތީ ކޯޓަށް ހާޒިރުވެވިފައެއް ނުވެއެވެ.
އެހެންކަމުން، މި މައްސަލަ ބައްލަވާ ގާޒީ މުޒައްމިލު ނާސިރު ވަނީ އަޒްލީލާގެ ބައްޕަ ދިރިއުޅޭ ރަށުގެ ޕޮލިސް މެދުވެރިކޮށް އޭނާގެ ބަސް ހޯދުމަށް ދައުލަތަށް އަންގަވައި، އެކަމަށް 10 ދުވަހުގެ މުހުލަތެއް ދެއްވާފައެވެ.
ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، ބައްޕަގެ ބަސް ސާފުކުރުމަށްފަހު ދެން އޮންނަ އަޑުއެހުމެއްގައި މި މައްސަލައިގެ އަދަބު ކަނޑައަޅައި ހުކުމް އިއްވުމަށެވެ.













