ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އިއްޔެ ރޭ ބޭއްވި ބައްދަލުވުމަކަށް ވަޑައިގެންނެވި މައްސަލައިގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވާހަކަދައްކަވައިފިއެވެ. އެމަނިކުފާނު މިކަމާ ގުޅިގެން ވާހަކަދައްކަވާފައިވަނީ މީސްމީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުންނާއެކު މަޖިލީހުގެ އިދާރާގައި ކުރިއަށްގެންދިޔަ އެ ބައްދަލުވުމަށް ވަޑައިގެންނެވިކަން މިނިސްޓަރު މުއްތަލިބު ވަނީ އެ މެސެޖުގައި ކަށަވަރުކޮށްދެއްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބުގެ އިތުރުން ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވެސް އެ ބައްދަލުވުމުގައި ހިމެނިވަޑައިގަންނަވައެވެ.
ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން މަޖިލީހަށް ވަޑައިގެންނެވި މަޤްޞަދު ހާމަކުރައްވަމުން ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވީ، އެއީ ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ މުހިންމު ހަތަރު ބިލަކާ ގުޅިގެން މެންބަރުން އޮޅުންފިލުވަން ބޭނުންވި ކަންކަން ސާފުކޮށްދިނުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އެ ބައްދަލުވުމުގައި މަޢުލޫމާތު ސާފުކޮށްދެވުނު ބިލުތަކަކީ ރިއަލް އެސްޓޭޓް ބިލާއި، އަބުރު ރައްކާތެރިކުރުމުގެ ބިލާއި، މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ބިލުގެ އިތުރުން އިމިގްރޭޝަން ބިލު ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ. ހަމައެއާއެކު، އެ ބައްދަލުވުމުގެ ތެރެއިން ބިލުތަކަށް އައު އިޞްލާޙެއް ގެނައުން ފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވެސް އޭޖީ ވަނީ ޔަޤީންކަން ދެއްވާފައެވެ.
މި ބައްދަލުވުމަށް ވަޑައިގެންނެވިއިރު މިނިސްޓަރު މުއްތަލިބުގެ އަތްޕުޅުގައި ކަޅުކުލައިގެ ދަބަހެއް އޮތް މަންޒަރު ފެނުމުން، އެކަމަށް މީޑިއާތަކާއި އާންމުންގެ ބޮޑު ސަމާލުކަމެއް ހުއްޓުނެވެ. އެހެންނަމަވެސް، މަޖިލީހުގެ މެންބަރަކު ފަހުން ވިދާޅުވެފައިވަނީ އެ ދަބަހަކީ މިނިސްޓަރު ކުޅިވަރު ކުޅުއްވުމަށް ބޭނުންކުރައްވާ ބޫޓު އަޅުއްވާފައި އޮތް ދަބަހެއް ކަމަށެވެ.










