ސާބިތު ނުހިފޭ ތުހުމަތުތަކެއް ކުރައްވައި، މަޖިލީހުގެ ނިޒާމު ގެއްލުވާލުމުން މެންބަރު މީކާއީލް ތަޅުމުން ބޭރުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހުގެ ތަޅުމުން ނެރެފައިވަނީ، މަޖިލީހުގެ ނިޒާމު ހިފެހެއްޓުމަށާއި މެންބަރުންނާ ގުޅޭގޮތުން ސާބިތު ނުހިފޭ ވާހަކަތައް ދެއްކެވުން ހުއްޓުވުމަށް ރިޔާސަތުން އެންގެވި އެންގެވުމަށް އަމަލުނުކުރެއްވުމާ ގުޅިގެންނެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭ ރިއަލް އެސްޓޭޓް ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން މީކާއިލް ވަނީ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު މަޖިލީހަށް ކަޅު ދަބަހެއް ގެންދެވި ކަމަށް ވިދާޅުވެ، މަޖިލީހުގެ ޕީއެންސީ މެންބަރުންނަށް ކަޅު ފައިސާ ލިބިފައިވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ މެންބަރުންނާ ގުޅޭގޮތުން ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
މި މައްސަލައިގައި މަޖިލީހުގެ ޕީއެންސީ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި، ސާބިތު ނުހިފޭ ދޮގު ތުހުމަތުތައް މަޖިލީހުގެ ތަޅުމުގައި ކުރެއްވުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފު ކަމެއްކަން ފާހަގަކުރައްވައިފައެވެ. ރިޔާސަތުން ދެވަނަ ފަހަރަށް ދެއްވި ފުރުސަތުގައިވެސް މީކާއިލް އެ ވާހަކަތައް ތަކުރާރު ކުރައްވައި، ތަޅުމުގައި އިހުތިޖާޖު ކުރައްވަން ފެށްޓެވުމުން، މަޖިލީހުގެ ގަވާއިދުގެ ދަށުން ނިޒާމު ގެއްލުވާލާ މެންބަރުންނާ މެދު އަޅާ ފިޔަވަޅެއްގެ ގޮތުން އޭނާގެ ނަން އިއްވައި ތަޅުމުން ބޭރުކުރެއްވީއެވެ.
އަނެއްކޮޅުން، މި ބަހުސްގެ ތެރެއިން މީކާއިލް ވިދާޅުވެފައިވަނީ ސަރުކާރުން ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލަކީ ގާނޫނުއަސާސީގެ 251 ވަނަ މާއްދާއިން ދިވެހި ބިމަށް ދީފައިވާ ރައްކާތެރިކަން ނިގުޅައިގަންނަ ބިލެއް ކަމަށާއި، ބޭރުގެ ފަރާތްތަކަށް ބިން ވިއްކުމަށް މަގުފަހިކުރާ ބިލެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ އިސްވެރިންނާއި ޕީއެންސީގެ މެންބަރުން ވިދާޅުވާ ގޮތުގައި، ރޭ ބޭއްވި ބައްދަލުވުމަކީވެސް އެ ބިލުތަކާ ގުޅޭގޮތުން މެންބަރުންނަށް ސާފުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވި ރަސްމީ ބައްދަލުވުމެކެވެ.













