ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެ، ޖަލު ހުކުމް ތަންފީޒުކުރަމުންދާންޖެހޭ 20 މީހަކު ގޭބަންދުގައި ތިބި މައްސަލަ ތަހުގީގުކޮށް، އެކަމާ ގުޅުންހުރި އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިއަދު އެދިވަޑައިގެންފި އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ކުޑޫ ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވަނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް (ސީއެފްޕީއެސް) އިން އާންމުކޮށްފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފުތަރުގައި ހިމެނޭ 20 މީހަކު މިހާރުވެސް ތިބީ ގޭބަންދުގައި ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައިވާ ގޮތުން، އެފަދަ ކުށްވެރިންނަށް ކަފާލާތާއި ޕެރޯލްގެ ފުރުސަތު ނުލިބޭނެކަން ކުޑޫ ވަނީ ހަނދާންކޮށްދެއްވާފަ އެވެ.
އެ ގާނޫނުގެ މައިގަނޑު މަގުސަދަކީ އެފަދަ ނުރައްކާތެރި ކުށްވެރިން ހުކުމްގެ މުއްދަތު ހަމަވަންދެން މުޖުތަމައާ އެކަހެރިކޮށް ޖަލުގައި ބައިތިއްބައިގެން ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށްވާއިރު، އެ މީހުން ގޭބަންދަށް ބަދަލުކުރެވުނު ގޮތާ މެދު އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.
މި މައްސަލައަކީ މުޅި މުޖުތަމައުގެ ކަންބޮޑުވުން އޮތް ނާޒުކު މައްސަލައަކަށްވާތީ، އެ ކުށްވެރިން ޖަލުން ގޭބަންދަށް ބަދަލުކުރީ ކޮން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ކޮން ފަރާތެއްގެ ނިންމުމަކުންތޯ މަޖިލީހުން ސާފުކުރަންޖެހޭ ކަމަށް ސިޓީގައިވެ އެވެ.
ގޭބަންދުގައި ތިބުމަށް އެ މީހުންނަށް ކަނޑައަޅާފައިވާ ޝަރުތުތަކާއި، އެ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބަލަހައްޓަނީ ކޮން އިދާރާއަކުންކަން އޮޅުންފިލުވުމަށްވެސް ކުޑޫ ވަނީ އެދިވަޑައިގެންފަ އެވެ.
އެ މީހުން ގޭބަންދަށް ދޫކޮށްފައިވާ ރަށްރަށުގެ ކައުންސިލްތަކަށާއި ބެލެނިވެރިންނަށް އެކަން އަންގާފައިވޭތޯ ބެލުމާއި، އެ ރަށްރަށުގައި ކުޑަކުދިން ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދެނެގަތުމަކީވެސް ކޮމިޓީން ބަލަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ގޭބަންދުގައި ތިބި އެ ކުށްވެރިންގެ ފައިގައި އިލެކްޓްރޯނިކް ޓެގް އަޅައިގެން މޮނިޓާކުރާ ނިޒާމެއް ގާއިމުކޮށްފައިވޭތޯ ބެލުމަށާއި، އެ މީހުން އަނބުރާ ޖަލަށް ގެންދިއުމަށް ކަމާބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތައް ސާފުކޮށްދިނުމަށް ކުޑޫ ވަނީ އެދިވަޑައިގެންފަ އެވެ.
މި ކަމުގައި ގާނޫނީ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ކަމާގުޅޭ ހުރިހާ އިދާރާތަކެއް ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އޭނާ ވަނީ މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންފަ އެވެ.













