ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އާއި ވެރިފިކޭޝަން ލިންކުތައް އޮޅުވާލައިގެން ހޯދުމަށްފަހު، މީހުންގެ ފޯނު ނަންބަރުތައް އީ-ސިމްއަށް ބަދަލުކޮށްގެން ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ އެކަމަށް އާންމުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން އާންމުކުރި ޚާއްޞަ އިލްތިމާސެއްގައި ބުނެފައިވަނީ މަކަރާއި ހީލަތް ހަދާ ފަރާތްތަކުން އޮޅުވާލައިގެން އޯޓީޕީ ކޯޑުތައް ހޯދައި، ވިކްޓިމްގެ ފޯނު ނަންބަރު އީ-ސިމްއަކަށް ބަދަލުކޮށްލާ ކަމަށެވެ. އެއަށްފަހު، ބޭންކް އެކައުންޓުތަކާއި ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، ވެރިފަރާތުގެ ހުއްދައަކާ ނުލައި ޑިޖިޓަލް ވޮލެޓްތައް ހަދައިގެން އެކައުންޓުތަކުގައި ހުންނަ ފައިސާ ފޭރެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިފަދަ މަކަރުވެރި އަމަލުތަކުން ރައްކާތެރިވުމަށްޓަކައި، އެއްވެސް ފަރާތަކާ އޯޓީޕީ ނުވަތަ ޕިން ނަންބަރު ހިއްސާނުކުރުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ. މީގެ އިތުރުން، ކުއްލިއަކަށް ސިމް ކާޑުން ސިގްނަލް ކެނޑިއްޖެނަމަ ނުވަތަ އެފަދަ ޝައްކުކުރެވޭ ކަމެއް ދިމާވެއްޖެނަމަ، އެއްވެސް ލަސްކުރުމެއް ނެތި ވަގުތުން ފުލުހުންގެ އެމަޖެންސީ ނަންބަރު 911 އަށާއި މުވާސަލާތީ ޚިދުމަތްދޭ ފަރާތަށް ގުޅައި އެކަން ރިޕޯޓުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ފަހަކަށް އައިސް ރާއްޖޭގައި ތަފާތު އުކުޅުތައް ބޭނުންކޮށްގެން ހިންގާ މާލީ ސްކޭމްތައް އިތުރުވެފައިވާއިރު، މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުގެ ނަމުގައާއި ބޭންކުތަކުގެ ނަމުގައި ގުޅައިގެން އަދި ލިންކުތައް ފޮނުވައިގެން މީހުންގެ ޒާތީ މައުލޫމާތާއި އޯޓީޕީ ހޯދުމުގެ މައްސަލަތައް ދަނީ ގިނަވަމުންނެވެ. އެހެންކަމުން، ގޮތްނޭނގޭ ލިންކުތަކަށް ނުފިތުމަށާއި، ފޯނުން ގުޅައިގެން އޯޓީޕީއަށް އެދޭ ފަރާތްތަކަށް އެ މައުލޫމާތު ނުދިނުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް ދަނީ އިރުޝާދު ދެމުންނެވެ.













