އީރާނަކީ ބްލޮކޭޑް ކޮށްލެވޭނެ ކިއުބާއެއް ނޫން ކަމަށާއި، އަދި އަމާންދޭން މަޖުބޫރު ކުރެވޭނެ ވެނެޒުއެލާއެއްވެސް ނޫން ކަމަށް ބުނެ، އެމެރިކާ ބޭނުންހާ ގޮތެއް އީރާނަށް ނުހެދޭނެކަމުގެ ވަރުގަދަ އިންޒާރެއް އެ ޤައުމުން ދީފިއެވެ. އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ވިދާޅުވީ، އެމެރިކާއިން ޙަމަލާއެއް ދޭންދެން މަޑުނުކޮށް އީރާނުން ރައްދު ދޭނެ ކަމަށާއި، އެމެރިކާއިން ޑިޕްލޮމެސީ ބޭނުންކުރަނީ އިތުރު އަސްކަރީ އޮޕަރޭޝަނަކަށް ވަގުތު ހޯދުމަށް ކަމަށް ބެލެވޭ ކަމަށެވެ.
އީރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ޣަރީބްއާބާދީ ވިދާޅުވީ، އެމެރިކާއާ ކުރިމަތިލުމުގައި ތިން ހާލަތަކަށް އީރާނުން ތައްޔާރުވަމުންދާ ކަމަށެވެ. އެއީ ޑިޕްލޮމެސީއާއި، އިޤްތިޞާދީ ގޮތުން ބްލޮކޭޑް ކުރުމާއި އަދި އަސްކަރީ އުދުވާނެވެ. ވައިގެ މަގުންނާއި އެއްގަމު މަގުން އީރާން ބްލޮކޭޑް ކުރުމަށް އެމެރިކާ ސިފައިން ކުރަމުންދާ މަސައްކަތަށް މިހާތަނަށް ކާމިޔާބީއެއް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އައު ރޭންޖުތަކުގެ މިސައިލް އުފައްދަމުންދާ ކަމަށްވެސް ޣަރީބްއާބާދީ ހާމަކުރެއްވިއެވެ.
މިހާރު އޮތީ ހަނގުރާމައެއް ނޫން އަދި ސުލްހައެއްވެސް ނޫން ހާލަތެއް ކަމަށް ބުނާ ބުނުން ދޮގުކުރައްވަމުން އޭނާ ވިދާޅުވީ، ޤާނޫނީ ނަޒަރަކުން ބަލާއިރު އީރާން އަދިވެސް އޮތީ ހަނގުރާމައިގެ ހާލަތުގައި ކަމަށެވެ.
ހަނގުރާމަ ދާއިމީކޮށް ނިމި، އީރާނުގެ ޝަރުޠުތައް ފުރިހަމަވަންދެން އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ އިންސްޕެކްޓަރުންނަށް އީރާނުގެ ނިއުކްލިއާ މަރުކަޒުތައް ބެލުމުގެ ފުރުޞަތު އައިއާރުޖީސީން ނުދޭނެ ކަމަށްވެސް ޣަރީބްއާބާދީ ވިދާޅުވިއެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، ހަމަލާތަކުގައި ގެއްލުން ލިބުނު ނިއުކްލިއާ މަރުކަޒުތަކަށް ޒިޔާރަތް ކުރުމަށް އައިއޭއީއޭއިން އެދެނީ އެމެރިކާގެ ހަތިޔާރުތަކުގެ ނަތީޖާ ހުރި މިންވަރު ވަޒަންކުރުމަށެވެ. އީރާނުގެ ކުރީގެ އައިއޭއީއޭ ސަފީރުކަންވެސް ކުރައްވާފައިވާ ޣަރީބްއާބާދީ ވިދާޅުވީ، އެމެރިކާއިން އެންމެ ފުރަތަމަ އީރާނުގެ ހުރިހާ ޝަރުޠުތަކަކަށް އިޙްތިރާމް ކުރާނެކަމުގެ ޔަޤީންކަން ދޭންޖެހޭނެ ކަމަށެވެ.
އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީ (އިރްނާ) އަށް ދެއްވި ވަކި ބަސްދީގަތުމެއްގައި ޣަރީބްއާބާދީ ވިދާޅުވީ، ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެމެރިކާއިން މަދުވެގެން ތިން ފަހަރު ނުބައި ނިޔަތުގައި ޢަމަލުކޮށް، ޑިޕްލޮމެޓިކް މަޝްވަރާތަކަށް އޮތް އިތުބާރު ނަގާލާފައިވާ ކަމަށެވެ. އެގޮތުން މަޝްވަރާތައް ކުރިއަށް ދަނިކޮށް ހިނގި 12 ދުވަހުގެ ހަނގުރާމައާއި 40 ދުވަހުގެ ހަނގުރާމައިގެ އިތުރުން، ދެ ހަފްތާވެސް ނުވަނީސް އުވާލި 14 ނުކުތާގެ އެއްބަސްވުމަށް އޭނާ އިޝާރާތް ކުރެއްވިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކާއެކު ފެށުނު މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުން ހުށަހަޅާ ޝަރުޠުތަކުގެ ތެރޭގައި ހުރިހާ ފަރާތްތަކުން ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމާއި، އެމެރިކާއިން އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ތެލުގެ ދާއިރާއަށް އަމާޒުކޮށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ހިމެނެއެވެ. މީގެ އިތުރުން ބޭރު ޤައުމުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާއާއި މުދަލުގެ މައްސަލަ ޙައްލުކުރުމާއި، ކުރީގެ އެއްބަސްވުމަށްފަހު ސަރަޙައްދަށް ގެނެސްފައިވާ އައު އަސްކަރީ އާލާތްތަކާއި ސިފައިންގެ މައްސަލައަށް ޙައްލެއް ހޯދުންވެސް ހިމެނެއެވެ.
ހަނގުރާމަ ހުއްޓާލައި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން ކުރިން ހަތް ދުވަހުގެ މުއްދަތެއް ހުށަހެޅި ނަމަވެސް، މެދުވެރިންނާއެކު ފާއިތުވި ދެ މަސްދުވަހު ކުރެވުނު މަޝްވަރާތަކަށްފަހު އެ މުއްދަތު ދެ ދުވަހަށް ކުރުކޮށްފައިވާ ކަމަށް ޣަރީބްއާބާދީ ވިދާޅުވިއެވެ. އެހެންނަމަވެސް އެއްބަސްވުމަކަށް އައުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެއްބަސްވާ ކަންކަން ތަންފީޒު ކުރުމުގައި ހުރި ޚިޔާލު ތަފާތުވުންތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ގެންގުޅުނު ”މެކްސިމަމް ޕްރެޝަރު“ ސިޔާސަތަކީ ނާކާމިޔާބު ސިޔާސަތެއް ކަމަށް ވިދާޅުވެ، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އާންމު ރައްޔިތުންނަށް އަސަރުކުރި ނަމަވެސް، އޭގެ ނޭދެވޭ އަސަރު ދުނިޔޭގެ އިޤްތިޞާދަށާއި ހަކަތައިގެ ބާޒާރަށާއި މާލީ ނިޒާމަށް އަދި ޚުދު އެމެރިކާއަށްވެސް މާ ބޮޑަށް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ނުތަނަވަސްކަމުގެ ތެރޭގައި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ތިއޮޑޯ ރޫޒްވެލްޓް މިހާރު ވަނީ މެދުއިރުމައްޗަށް ގޮސްފައެވެ. މިއާއެކު ޔޫއެސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ބެލުމުގެ ދަށުން އެ ސަރަޙައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުގެ އަދަދު ތިނަކަށް އެރީއެވެ. މި މަނަވަރުތަކުގައި 20،000 އަށްވުރެ ގިނަ ސިފައިންނާއި ސަތޭކައަށްވުރެ ގިނަ އަސްކަރީ މަތިންދާބޯޓު ހަރަކާތްތެރިވެއެވެ.
ހަމަމިއާއެކު، ބަޙްރައިންގައި ހުންނަ އެމެރިކާގެ ހެލިކޮޕްޓަރު ބޭސްއެއްގެ ރާޑަރު ނިޒާމަކަށް އާދީއްތަ ދުވަހުގެ ހެނދުނު ޙަމަލާދީފައިވާނެ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ބުނެފައެވެ. މިއީ ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ގަލްފުގެ ޤައުމަކަށް އީރާނުން ދިން ފުރަތަމަ ޙަމަލާއެވެ. މި ޙަމަލާއާ ގުޅޭގޮތުން ސެންޓްކޮމްއިން އަދި ވަކި އެއްޗެއް ނުބުނި ނަމަވެސް، ބަޙްރައިންގެ އަސްކަރިއްޔާއިން ބުނީ އީރާނުން ފޮނުވާލި ގިނަ އަދަދެއްގެ ޙަމަލާތަކެއް އަމާޒަށް ވާސިލުވުމުގެ ކުރިން ވައިގެ ދިފާޢީ ނިޒާމުން ވައްޓާލާފައިވާ ކަމަށެވެ.
މީގެ ކުރިން ހުކުރު ދުވަހުވެސް ބަޙްރައިންއަށް އަމާޒުކޮށް އީރާނުން ފޮނުވާލި ދެ ޑްރޯން ވައްޓާލާފައިވާ ކަމަށް ސެންޓްކޮމްއިން ބުނެފައިވެއެވެ. އަދި ބަޙްރައިންގައި ހުންނަ އެމެރިކާގެ އާލީ-ވޯނިންގ ރާޑަރު ނިޒާމަކަށް ޙަމަލާދިން ކަމަށް އީރާނުން އޭރު ކުރި ދަޢުވާވެސް އެމެރިކާއިން ވަނީ ދޮގުކޮށްފައެވެ.
ދިފާޢީ މަޝްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ކޮންގްރެސްގެ ދެ ގެ ގެއްލުމުގެ މައިގަނޑު އެއް ސަބަބަކީ މި ހަނގުރާމައާއި އޭގެ ސަބަބުން ހަކަތައިގެ އަގުތައް އުފުލުމެވެ. އަދި ސުލްހައިގެ މަޝްވަރާތަކުން ޓްރަމްޕް ވަނީ ނައިބު ރައީސް ޖޭޑީ ވޭންސް ވަކިކޮށް، އީރާނާއެކު އެއްބަސްވުމެއް ބޭނުންނުވާ ކަމަށްވެސް ސޯޝަލް މީޑިއާގައި ބުނެފައެވެ. ނަމަވެސް ސުލްހައިގެ މަޝްވަރާތަކަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ އަންގާރަ ދުވަހު އޮމާނުގެ މަސްކަޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.










