ރާއްޖޭގެ ގިނަ ރަށްރަށުގައި އާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް އެ ސަރަޙައްދުތަކާ ދުރަށް ޖެއްސުމުގެ ބޮޑު މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށް ސަރުކާރާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އަމާޒު ހިފައިފިއެވެ.
ފެނަކަ ކޯޕަރޭޝަންގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުޙަލާގައި މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ އަޒްވަރު ވިދާޅުވީ، ބައެއް ރަށްރަށުގެ މެދުތެރޭގައާއި މީހުން ދިރިއުޅޭ ހިސާބުތަކުގައި އިންޖީނުގެތައް ހުރުމުގެ ސަބަބުން އިންޖީނުތަކުގެ އަޑާއި ދުމުގެ އުނދަގޫ ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށް އިންތިހާއަށް ފޯރަމުންދާ ކަމަށެވެ.
މި މައްސަލައަށް ޙައްލެއް ގެނައުމުގެ ގޮތުން، އަންނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް މި ދާއިރާއިން އެކަށީގެންވާ ބޮޑެތި މަސައްކަތްތަކެއް ނިންމުމަށް ރޭވިފައިވާ ކަމަށާއި، މިއީ ކުރު މުއްދަތެއްގެ ތެރޭގައި ކުރަންޖެހޭ ވަރަށް ގިނަ އަދި ބުރަ މަސައްކަތްތަކެއް ކަމަށް ޑރ. އަޒްވަރު ފާހަގަކުރެއްވިއެވެ.
ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަމަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ޚާއްޞަކޮށް ބޮޑެތި އާބާދީތައް ހިމެނޭ ރަށްރަށުގެ ޚިދުމަތްތައް ތަރައްޤީކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް މިހާރުވެސް ރޭވިފައިވާ ކަމަށެވެ.
ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމުގެ މަރުޙަލާ ކަނޑައެޅިފައިވާ ތާރީޚަށް ކާމިޔާބުކަމާއެކު ނިންމާލެވުނީ ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ކުރި ބުރަ މަސައްކަތުން ކަމަށް ވިދާޅުވެ ޑރ. އަޒްވަރު ވަނީ އެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބަދަލާއެކު ރާއްޖޭގެ ޔުޓިލިޓީ ދާއިރާގައި ސްޓެލްކޯގެ ދައުރާއި ޒިންމާ ކުރިއަށްވުރެ މާ ބޮޑުވެގެން ގޮސްފައިވާކަން ފާހަގަކުރައްވަމުން އެމްޑީ ވިދާޅުވީ، ޚިދުމަތްތަކާ ހަވާލުވުމަށްފަހު ދެން އޮތް އެންމެ ބޮޑު އަދި އުނދަގޫ މަސައްކަތަކީ ރަށްރަށުގެ ފެންވަރުގައި ރައްޔިތުން އެދޭފަދަ އިތުބާރު ހުރި ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
އެހެންކަމުން، ސަރުކާރާއި ރައްޔިތުން ކުރާ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި އިސް ސަފުގައި ތިއްބެވި ބޭފުޅުންނާއި ހުރިހާ މުވައްޒަފުން ގުޅިގެން ސްޓްރެޓީޖިކަލީ މަސައްކަތް ކުރެއްވުމަށާއި، ފުރިހަމަ އެއްބާރުލުމާއި ވަގުތު ދެއްވުމަށް ޑރ. އަޒްވަރު އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން، ސްޓެލްކޯގެ ތެރޭގައި މިހާރުވެސް ހިފަހައްޓަމުންދާ ހަރުދަނާ އުސޫލުތައް ކުރިއަށް އޮތް ތަނުގައިވެސް ދަމަހައްޓައިފިނަމަ، ދިމާވާ ގިނަ މައްސަލަތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންނަށް ލިބެމުން އަންނަ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި މި ތާރީޚީ ނިންމެވުމަށް ޑރ. އަޒްވަރު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.












