ތިން އަހަރަށް ވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު، އަދި ”އޮޕަރޭޝަން ސިންދޫރު“ އަށް ފަހު ފުރަތަމަ ފަހަރަށް ޕާކިސްތާނުގެ ވަޒީރަކު އިންޑިއާއަށް ދަތުރުފުޅު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޕާކިސްތާނުގެ ފޮރިން އޮފީހުން ހޮނިހިރު ދުވަހު ހާމަކުރި ގޮތުގައި، މި މަހުގެ 20 އިން 22 އަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ ”ސިވިލައިޒޭޝަނަލް ޑައިލޮގް ފޯރަމް“ ގައި ޕާކިސްތާނުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ އެ ގައުމުގެ ކްލައިމެޓް ޗޭންޖް މިނިސްޓަރު މުސައްދިގު މަސްއޫދު މަލިކެވެ.
ޕާކިސްތާނުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިހުތިރާމާއި އެކު އެސްސީއޯގެ އޮނިގަނޑުގެ ތެރެއިން ތަހުޒީބުތަކުގެ މެދުގައި މަޝްވަރާތައް ކުރިއަރުވައި، ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ޕާކިސްތާނުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ.
މި ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއިން ފުރަތަމަ ދައުވަތު އަރުވާފައިވަނީ ޕާކިސްތާނުގެ ނޭޝަނަލް ހެރިޓޭޖް އެންޑް ކަލްޗަރ މިނިސްޓަރު އަައުރަންގަޒޭބް ޚާން ޚީޗީ އަށެވެ. ނަމަވެސް، ޚީޗީގެ ބަދަލުގައި މަލިކު ފޮނުވަން ނިންމި ސަބަބެއް ޕާކިސްތާނުގެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. އިންޑިއާގެ ޔޫނިއަން ކަލްޗަރ މިނިސްޓަރު ގަޖެންދުރަ ސިންގް ޝެކާވަތު ވަނީ ޕާކިސްތާނުން މި ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މި ފޯރަމަކީ އިންޑިއާގެ އިސްނެގުމަކަށް ބާއްވާ ހަރަކާތެކެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޓިއަންޖިންގައި ބޭއްވި އެސްސީއޯ ސަމިޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުށަހެޅުއްވި ހުށަހެޅުއްވުމެކެވެ. މި ފޯރަމުގައި އެސްސީއޯގެ މެންބަރު ގައުމުތަކާއި ޕާޓްނަރު ގައުމުތައް ހިމެނޭހެން 25 އަށް ވުރެ ގިނަ ގައުމުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ.
ޕާކިސްތާނުގެ ވަޒީރަކު އެންމެ ފަހުން އިންޑިއާއަށް ވަޑައިގެންފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހު ގޯއާގައި ބޭއްވި އެސްސީއޯގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އޭރުގެ ޚާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ ޒަރުދާރީއެވެ. އޭގެ ފަހުން ޕަހަލްގާމްގައި ދިން ޓެރަރިސްޓް ހަމަލާއާއި، އޭގެ ރައްދުގައި އިންޑިއާއިން ހިންގި ”އޮޕަރޭޝަން ސިންދޫރު“ އާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
މިފަދަ ހައްސާސް ހާލަތެއްގައި ވެސް، އެސްސީއޯ އަކީ ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާ މަދު ޕްލެޓްފޯމްތަކުގެ ތެރެއިން އެއް ވަސީލަތެވެ. ޕާކިސްތާނުން ވަނީ 2026-27 ވަނަ އަހަރަށް އެސްސީއޯގެ ޗެއާމަންކަމާ ހަވާލުވެފައެވެ. އަދި އޮގަސްޓް 2027 ގައި އެ ޖަމާއަތުގެ އިސްވެރިންގެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގެ އިސްލާމްއާބާދުގައެވެ. މީގެ އިތުރުން، މިދިޔަ ސެޕްޓެމްބަރު މަހު އިންޑިއާގެ އެސްސީއޯ ނޭޝަނަލް ކޯޑިނޭޓަރު އަލޯކް ދިމްރީ ވެސް ވަނީ އިސްލާމްއާބާދުގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ.









