އިސްލާމީ ޝަރީޢާގެ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ފަރުމާކޮށްފައިވާ އައު ކްރެޑިޓް ކާޑުތަކެއް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ. މިއީ ރާއްޖޭގައި އިސްލާމިކް ބޭންކިންގގެ ޚިދުމަތްތައް ފުޅާކޮށް، ފައިސާ ދެއްކުމުގެ ޒަމާނީ ނިޒާމުތައް ހަރުދަނާކުރުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.
އެމްއައިބީން މަޢުލޫމާތު ދޭ ގޮތުގައި އަލަށް ތަޢާރަފުކުރި މި ކްރެޑިޓް ކާޑު ޕޯޓްފޯލިއޯ ބަހާލެވިފައިވަނީ ޖުމްލަ ހަތަރު ގިންތިއަކަށެވެ. އެއީ އަމިއްލަ ފަރުދުންނަށް ޚާއްޞަ ގޯލްޑް، ޕްލެޓިނަމް އަދި ސިގްނަޗަރ ކާޑުގެ އިތުރުން ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ދޫކުރާ ބިޒްނަސް ކާޑެވެ. މި ކާޑުތަކަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ ތަފާތު މާލީ ބޭނުންތަކަށް ރިޢާޔަތްކޮށް ދޫކުރެވޭ ކާޑުތަކެކެވެ.
މި ކާޑުތަކަށް ކްރެޑިޓް ލިމިޓް ކަނޑައަޅާފައިވަނީ 12,000 ދިވެހި ރުފިޔާއިން ފެށިގެން 300,000 ދިވެހި ރުފިޔާއާ ހަމައަށެވެ. އެގޮތުން ވަކިވަކި ކާޑުތަކުގެ ލިމިޓްތަކަށް ބަލާއިރު:
ގޯލްޑް ކާޑު: 12,000 އާއި 50,000 ރުފިޔާއާ ދެމެދު
ޕްލެޓިނަމް ކާޑު: 50,000 އާއި 100,000 ރުފިޔާއާ ދެމެދު
ސިގްނަޗަރ ކާޑު: 100,000 އިން ފެށިގެން 300,000 ރުފިޔާއާ ހަމައަށް
ބިޒްނަސް ކާޑު: 100,000 އާއި 300,000 ރުފިޔާއާ ދެމެދު
އެމްއައިބީން ބުނީ ކޮންމެ ފަރާތަކަށްވެސް ކާޑު ދޫކުރުމުގައި ބަލާނީ އެދޭ ފަރާތުގެ އާމްދަނީއަށާއި ކަނޑައެޅިފައިވާ މާލީ އެހެނިހެން ޝަރުޠުތަކަށް ކަމަށެވެ.
މީގެއިތުރުން، އަމިއްލަ ފަރުދުންނަށް ދޫކުރާ ކާޑުތަކުން މަހުން މަހަށް ބޭނުންކުރެވޭނެ އެމެރިކާ ޑޮލަރުގެ ވަކި ލިމިޓްތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ގޯލްޑް ކާޑަށް މަހަކު 300 ޑޮލަރު، ޕްލެޓިނަމް ކާޑަށް 400 ޑޮލަރު އަދި ސިގްނަޗަރ ކާޑަށް މަހަކު 500 ޑޮލަރު ބޭނުންކުރެވޭނެއެވެ. ނަމަވެސް، ވިޔަފާރިތަކަށް ޚާއްޞަ ބިޒްނަސް ކާޑަށް ވަކި ޑޮލަރު ލިމިޓެއް ކަނޑައަޅާފައެއް ނުވެއެވެ.
މި ކާޑުތަކުން ކުރާ ޚަރަދުތަކަށް ފައިސާ ދެއްކުމުގައި ކަސްޓަމަރުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން ކޮންމެ މަހަކުވެސް ދައްކަންޖެހޭ ޖުމްލަ ޢަދަދުގެ އެންމެ ކުޑަމިނުން 5 އިންސައްތަ ނުވަތަ ބޭނުންނަމަ މުޅި ޢަދަދު އެއްކޮށް ދެއްކުމުގެ އިޚްތިޔާރު ކަސްޓަމަރުންނަށް ލިބިގެންދެއެވެ. ކާޑުގެ މަހު ބަޔާން (ސްޓޭޓްމަންޓް) ކޮންމެ މަހެއްގެ 10 ވަނަ ދުވަހު ދޫކުރާއިރު، ފައިސާ ދެއްކުމުގެ އެންމެ ފަހު ތާރީޚަކީ އެ މަހެއްގެ 30 ވަނަ ދުވަހެވެ. ފައިސާ ދެއްކުމުގެ އިންތިޒާމު ފައިސާނެޓް، ފައިސާ މޮބައިލް، އެމްއައިބީ އޭޓީއެމް އަދި ޑައިރެކްޓް ޑެބިޓް މެދުވެރިކޮށް ފަސޭހަކަމާއެކު ހަމަޖެއްސޭނެއެވެ.
Introducing the MIB Visa Credit Card — a world of possibilities designed to take you further. Explore our Gold, Platinum, Signature and Business cards, each crafted to complement your lifestyle and ambitions.
Enjoy the freedom to go beyond, with the confidence of… pic.twitter.com/wAPwg31pQk
— MaldivesIslamicBank (@mibmv) November 15, 2026
އެމްއައިބީން ހާމަކުރި ގޮތުގައި، ޝަރީޢާ ހަމަތަކަށް ފެތޭ މި އައު ކްރެޑިޓް ކާޑުތައް ތަޢާރަފުކުރުމަކީ، އިސްލާމީ ބޭންކިންގގެ މަތިވެރި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކަސްޓަމަރުންގެ ބަދަލުވަމުން އަންނަ މާލީ ބޭނުންތަކަށް އެކަށޭނަ، ޒަމާނީ އަދި އިތުބާރުހުރި ޙައްލުތަކެއް ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.












