މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓުމަކަށް ގެނައުމަށް ގޮވާލައި، އދ.ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރާ ދެކޮޅަށް ދިވެހިރާއްޖެއިން ވޯޓު ދީފިއެވެ. މި ގަރާރަކީ މެކްސިކޯއިން ހުށަހަޅާފައިވާ ގަރާރެކެވެ.
193 މެމްބަރު ގައުމު ހިމެނޭ އދ.ގެ އާންމު މަޖިލީހުން، މި ނިމިދިޔަ ހުކުރު ދުވަހު (ނޮވެންބަރު 13، 2026) ރެކޯޑު ވޯޓަކުން މި ގަރާރު ފާސްކޮށްފައިވަނީ، 133 ގައުމަކުން ގަރާރަށް ތާއީދުކޮށް، 33 ގައުމަކުން ދެކޮޅު ހަދައި، 16 ގައުމަކުން ވަކި ކޮޅަކަށް ވޯޓު ނުދީއެވެ.
ގަރާރާ ދެކޮޅަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން، އިންޑިއާ، ބަހްރައިން، ޗައިނާ، މިސްރު، އީރާން، އިރާގު، ޖަޕާން، ކުވައިތު، އޮމާން، ޕާކިސްތާން، ގަތަރު، ސައުދީ އަރަބިއްޔާ އަދި އެމެރިކާ ހިމެނެއެވެ.
މި ގަރާރުގައި، ދުނިޔޭގެ ބޮޑު ސަރަހައްދެއްގައި މަރުގެ ހުކުމް ކުރުން މަދުކުރުމުގައި ކުރިއެރުންތަކެއް ލިބެމުންދިޔަ ކަމަށާއި، އެހެންނަމަވެސް 2025 ވަނަ އަހަރު މަރުގެ ހުކުމް ތަންފީޒުކުރި މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ކަމަށް ބުނެ، މި މައްސަލައާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މީގެ އިތުރުން، ގަރާރުގައި މަރުގެ ހުކުމް ދެމުންދާ ކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބައިނަލްއަގްވާމީ ޤާނޫނުތަކާ އެއްގޮތަށް، ކޮންމެ ގައުމަކަށްވެސް އެ ގައުމެއްގެ ޤާނޫނީ ނިޒާމު ބައްޓަން ކުރުމުގެ ހައްގާއި، އެކަށީގެންވާ ޤާނޫނީ އަދަބުތައް ކަނޑައެޅުމުގެ ހައްގު ލިބިގެންވާ ކަމަށްވެސް އަލުން ކަށަވަރުކޮށްދީފައިވެއެވެ.
ގަރާރުގައި ހުރިހާ ގައުމުތަކަށް ގޮވާލާފައިވަނީ، މަރުގެ ހުކުމް އުވާލުމުގެ މަގްސަދުގައި، އެ ހުކުމް ތަންފީޒުކުރުން މެދުކަނޑައިލުމަށެވެ. އަދި މިހާރު މަރުގެ ހުކުމް އުވާލާފައިވާ ގައުމުތަކުން، އެ ހުކުމް އަލުން ތައާރަފުނުކުރުމަށްވެސް ގޮވާލާފައިވެއެވެ.
މީގެއިތުރުން، 18 އަހަރުން ދަށުގެ ކުދިން ކުރާ ކުށްތަކަށާއި، ކުށް ކުރިއިރު އުމުރު 18 އަހަރުން މަތިކަން ކަށަވަރުނުކުރެވޭ މީހުންނަށް މަރުގެ ހުކުމް ނުދިނުމަށްވެސް ގަރާރުގައި ގޮވާލާފައިވެއެވެ. އަދި މާބަނޑު އަންހެނުންނާއި، ނަފްސާނީ ނުވަތަ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށްވެސް މި ހުކުމް ކުރުން
ހަނިކުރުމަށް ގަރާރުގައި ބާރުއަޅާފައިވެއެވެ.
ހަމައެއާއެކު، މަރުގެ އަދަބު ކަނޑައެޅޭ ކުށްތަކުގެ އަދަދު ވީހާވެސް މަދުކުރުމަށާއި، ބައެއް ކުށްތަކަށް ކޮންމެހެން މަރުގެ ހުކުމް އަންނަ ގޮތަށް އޮންނަ ލާޒިމު އުސޫލުތައް އުވާލައި، މަރުގެ އަދަބު ދިނުން މަޑުމަޑުން ހަނިކުރަމުން ގެންދިއުމަށްވެސް މި ގަރާރުގައި ހުރިހާ ދައުލަތްތަކަށް ގޮވާލާފައިވެއެވެ.
ދިވެހިރާއްޖޭގައި މަރުގެ އަދަބު ދޭން ޖެހޭނީ ހަމައެކަނި ދަންޖައްސައިގެން ކަމަށް ހިމަނައި، މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ބިލެއް ސަރުކާރު ފަރާތުން ރައްޔިތުންގެ މަޖިލީހަށް ދާދިފަހުން ވަނީ ހުށަހަޅާފައެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދެވެ.
މީގެއިތުރުން މިދިޔަ ހަފްތާގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހިރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޒުކުރުމާ ބެހޭ ޚާއްޞަ ބިލެއް އެކުލަވާލައި، ޤާނޫނުގައިވާ ހަމަތަކުގެ މަތިން މަރުގެ އަދަބު ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށްވެސް ވިދާޅުވެފައެވެ.
ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަން ފަޚުރުވެރިކަމާއެކު ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ އިސްލާމްދީނަށް ނަޞްރުދިނުން ކަމަށެވެ. އަދި ރާއްޖޭގެ ޤާނޫނުއަސާސީ ބަޔާންކުރާ ގޮތުން ޤާނޫނުތައް ހަދަންވާނީ ކީރިތި ޤުރުއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި، އިސްލާމްދީނުގެ އަޞްލުތަކާ އެއްގޮތަށް ކަމަށްވާއިރު، އިސްލާމީ ޝަރީޢަތުގައި އެކަން އޮތް ގޮތަށް ޢަމަލުކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، މަރުގެ އަދަބު ތަންފީޒުކުރަންޖެހޭ ހިސާބަށް ޝަރުޢީ މަރުޙަލާތައް ނިމިފައިވާ ކަމެއް ހިފެހެއްޓުމުގެ ޙައްޤު އިސްލާމީ ވެރިއަކަށް، ނުވަތަ ދައުލަތުގެ ވެރިޔަކަށް ނޯންނާނެ ކަމަށް އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.












