އިޙްތިރާމްކުރުމަކީ އިންސާނާ ކުރާ ލޮލަށް ނުފެންނަ މުޑުވައްކުރުމެއް ފަދަ ކަމެއް ކަމަށާއި، މުޖުތަމަޢެއްގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމަކީ މުޅި މުޖުތަމަޢަށް ހަމަޖެހުމާއި، އުފާވެރިކަމާއި، އަމާންކަން ގެނެސްދޭ މައިގަނޑު އަސާސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
އިޙްތިރާމުކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިޙްތިރާމްކުރުމަކީ އިންސާނާ ކުރާ ލޮލަށް ނުފެންނަ މުޑުވައްކުރުމެއް ނަމަވެސް، އެ މުޑުވަކުން ފަޅައިގެން އަންނަ ގަސްތަކުގެ ހިޔަލަކީ މުޅި މުޖުތަމަޢަށް އިންތިހާއަށް ބޭނުންތެރި އެއްޗެއް ކަމަށެވެ. އަދި އޭގެ މޭވާއަކީ އިންސާނާގެ ހިތްތަކަށް ލިބޭ ފުން ތަސައްލީއެއް ކަމަށާއި، ރޫޙަށް ލިބިގެންދާ ފޮނި ޣިޒާއެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ޒަމާނީ ނަފުސާނީ ޢިލްމުގެ ހޯދުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މުޖުތަމަޢެއްގައި ދިރިއުޅޭ މީހުން އެކަކު އަނެކެއްގެ ހައިސިއްޔަތަށް ޤަދަރުކޮށް އިޙްތިރާމްކުރުމަކީ މީސްތަކުންގެ މެދުގައި ކުލުނާއި ގާތްކަން އިތުރުކޮށްދޭ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން މުޖުތަމަޢަށް ބޭނުންވާ ފުރިހަމަ ހަމަޖެހުމާއި އަމާންކަމުގެ އިޙްސާސް ލިބިގެންދާ ކަމަށާއި، މިއީ އިޖުތިމާޢީ ތަރުބިއްޔަތާއި އިންސާނީ ތަހުޒީބީ އަޚްލާޤުގެ އެންމެ މުހިންމު ބައި ކަމުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އިޙްތިރާމްކުރުމުގެ މައުޟޫޢަކީ އިންސާނާގެ މުޅި ދިރިއުޅުމުގެ ޙަޔާތާ ގުޅިފައިވާ ފުން ކަމެއް ކަމަށެވެ. އެގޮތުން ޢާއިލާތަކުގެ އެތެރޭގައްޔާއި، މަދަރުސާތަކާއި ވަޒީފާ އަދާކުރާ އޮފީސްތަކުގެ އިތުރުން މުޅި މުޖުތަމަޢުގައި އުފާވެރިކަމާއި ހިތްހަމަޖެހުން ދެމެހެއްޓޭނީ އެކަކު އަނެކަކަށް ކަމޭހިތައި އިޙްތިރާމްކުރުމުގެ މާތް ސިފަ އަމަލީ ގޮތުން ދައްކައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.













