ވަގުތަށް ކަމޭހިތުމާއި، ދިރިއުޅޭ މާޙައުލާއި މަގުމައްޗަށާއި ތިމާވެށްޓަށް އިޙްތިރާމްކުރުމަކީ މުޅި ދިރިއުޅުމާ ގުޅިފައިވާ އަދި ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމަށް ކޮންމެހެން ދަމަހައްޓަންޖެހޭ މާތް ސިފަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިޙްތިރާމްކުރުމުގެ ޤައުމީ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ އިޙްތިރާމްކުރުމުގެ މަފްހޫމަކީ ހަމައެކަނި މީހުންނާ މުޢާމަލާތުކުރުމަށް ހަނިވެފައިވާ ކަމެއް ނޫން ކަމަށާއި، އެއީ އިންސާނާގެ މުޅި ޙަޔާތާއި ދުވަހީ އެންމެހައި ކަންކަމާ ގުޅިލާމެހިފައިވާ ފުޅާ އަގުތަކެއް ކަމަށެވެ.
އެގޮތުން ކުރީ ޒަމާނުގައި ދިވެހީންގެ ކިބައިގައި ވަގުތަށް ކަމޭހިތުމުގެ ރިވެތި އާދަ އޮތް މިންވަރު ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އޭރު ސަރުކާރުގެ އާދައިގެ މުވައްޒަފެއް ކަމުގައި ވިޔަސް އަދި ވެރިޔެއް ކަމުގައި ވިޔަސް ގަޑިއަށް ފަރުވާތެރިވުމަށް ވަރަށް ބޮޑު އިސްކަމެއް ދިން ކަމަށެވެ. އަދި ރަށު ރައްޔިތުންގެ މަސައްކަތަށް ގޮވާލުމުން ގަޑިޔަށް މީހުން ހާޒިރުވި ކަމަށާއި، ސަރުކާރުގައި 50 އަހަރު ދުވަހު ޚިދުމަތްކުރެއްވި އިރު ދުވަހަކު ވެސް ގަޑިޖެހިފައި ނުވާ ބޭފުޅުންގެ ރީތި ރެކޯޑުތައް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އަމިއްލަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް އިޙްތިރާމްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މަގުމަތީގެ އަދަބުތަކާއި، ރަށްވެހި ދިރިއުޅުމާއި، ގަސްގަހާގެއްސާއި ޤުދުރަތީ ދިރުންތަކަށް އިޙްތިރާމްކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޮފީސްތަކާއި މަދަރުސާތަކާއި ގެދޮރުގައި ވެސް އެކަކު އަނެކަކަށް ކަމޭހިތުމުގެ ސަގާފަތެއް އަށަގަންނުވަން ޖެހޭ ކަމަށް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އިޙްތިރާމްކުރުމަކީ އިންސާނާގެ ހިތުގައި މުޑުވައްކުރެވޭ ކަމެއް ކަމަށާއި، އޭގެ މޭވާއަކީ މުޅި މުޖުތަމަޢަށް ލިބިގެންދާ އަމާންކަމާއި ހިތްހަމަޖެހުން ކަމަށެވެ. އަދި މި މާތް ސިފަތައް އަމަލީ ގޮތުން ދައްކައި، ޤައުމުގެ ޞުލްޙަ މަސަލަސްކަމާއި ޤަދަރު ދެމެހެއްޓުމަށް ކޮންމެ ރައްޔިތަކުވެސް އަޒުމު ކަނޑައެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.













