ފަލަޞްޠީނުގެ މިނިވަންކަން އިޢުލާންކުރިތާ 38 އަހަރު ފުރުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަލަޞްޠީނުގެ ވެރިންނަށާއި އެ ޤައުމުގެ އަޚުވަންތަ ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައި، ފަލަޞްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އަށާއި، ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުޞްޠަފާގެ އިތުރުން ފަލަޞްޠީނުގެ އެންމެހައި އަޚުންނާއި އުޚުތުންނަށް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ވަނީ އަރިސްކުރައްވާފައެވެ.
On the 38th Anniversary of the Declaration of Independence of Palestine, I extend good wishes to President Mahmoud Abbas, Prime Minister and Foreign Minister Mohammad Musthafa and the brotherly people of Palestine.
May I, on this auspicious occassion, retierate the unwavering… pic.twitter.com/22igsw2QXV
— Dr Mohamed Muizzu (@MMuizzu) November 15, 2026
މި މުހިންމު މުނާސަބަތުގައި ރައީސް މުޢިއްޒު ވިދާޅުވީ، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް އަކީ ފަލަޞްޠީނުގެ ފަޚުރުވެރި ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަޞްޠީނުގެ މިނިވަން އަދި މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް އެންމެން ދެކޭ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ. އަދި މިކަމުގައި ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދާއި އެއްބާރުލުން، އެއްވެސް ޝަރުޠަކާ ނުލައި ފަލަޞްޠީނަށް އަބަދުވެސް ލިބެމުންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ އަރުވާފައެވެ.
ރައީސް މުޢިއްޒުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ފަލަޞްޠީނުގެ ޙައްޤުގައި ވަކާލާތުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ބޭނުންކުރާ މަޝްހޫރު ޝިޢާރު ކަމުގައިވާ، ”ކޯރުން ފެށިގެން ކަނޑާ ހަމައަށް، ފަލަޞްޠީނު މިނިވަންވާނެ“ (ފްރޮމް ދަ ރިވަރ ޓު ދަ ސީ، ޕަލަސްޓައިން ވިލް ބީ ފްރީ) މި ޢިބާރާތް ހިމަނުއްވަމުންނެވެ.
ދިވެހިރާއްޖެއަކީ އަބަދުވެސް ފަލަޞްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށާއި، ޒަޔަނިސްޓް އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ބައިނަލްއަޤްވާމީ މަސްރަޙުގައި އެންމެ ވަރުގަދައަށް އަޑުއުފުލަމުން އަންނަ އެއް ޤައުމެވެ.













