ދިވެހީންގެ ދުރު މާޒީގައި އޮތް ފޭރާން ހެޔޮ ޒީނަތްތެރި ގޮތްތަކާއި މަތިވެރި އަޚްލާޤީ ސިފަތައް މުޖުތަމަޢުގައި އަލުން ދިރުވައި އާލާކުރަން ޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
”އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު“ އިފްތިތާޙުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެއް ޒަމާނެއްގައި ދިވެހީންގެ ކިބައިން ނުހަނު މަތީ ދަރަޖައަކަށް ފެނިގެންދިޔަ އިހްތިރާމްކުރުމުގެ މާތް ސިފައަކީ ދިވެހި އޮޑިފަހަރުގެ ފަށަން އެ އޮޑީގެ އެހެން މަޑޫތަކާ ގުޅިފައިވާ ފަދައިން ދިވެހީންގެ އެންމެހާ ކަންކަމާ ލާމެހިފައިވާ ދިވެހިވަންތަކަމުގެ މައިބަދަ ކަމަށެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ އެތައް ރައްޔިތުންނެއް ނުހަނު ބޮޑަށް އެދިއެދި ތިބި ކަމެއްކަން ފާހަގަކުރައްވައި، ތާރީޚީ ހެކިތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ ޢަރަބި ތާރީޚު ޢިލްމުވެރިޔާ އަލްމަސްޢޫދީ ރާއްޖެ ސިފަކުރެއްވީ ހަމައެކަނި ޤުދުރަތީ ރީތިކަމަށް ބައްލަވައިގެން ނޫން ކަމަށާއި ދިވެހީންގެ މަތިވެރި އަޚްލާޤީ ސިފަތަކަށް ވެސް ރިޢާޔަތްކުރައްވައިގެން ކަމަށެވެ.
ހަމައެއާއެކު، މަޝްހޫރު ސައްޔާޙު އިބްނު ބަޠޫޠާގެ ލިޔުއްވުންތަކުން ވެސް ދިވެހީންނަކީ ހިތްސާފު، އަނެކުން ކޮށްދޭ ހެޔޮކަމުގެ އަގުވަޒަންކޮށް މޭމަތީގައި އަތްއަޅައި ”ދަރުމަހުރި“ ބުނެ އަދަބުވެރިކަން އިސްކުރި ބައެއްކަން ސާބިތުވާ ކަމަށާއި، ދިވެހީންގެ އިސްލާމީ ރިވެތި އަޚްލާޤުގެ ސަބަބުން ދެއްވާ އިލާހީ ނަޞްރަށްޓަކައި ދުޝްމަނުން ވެސް ދިވެހީން ދެކެ ބިރުގަންނަކަން ބަޔާންކުރައްވާފައިވާކަން ރައީސް ހަނދާންކޮށްދެއްވިއެވެ.
ދިވެހި އިޖުތިމާޢީ ޙަޔާތުގައި ދާދި ފަހަކާ ޖެހެންދެން އޮތް އަދަބު އިހްތިރާމުގެ މިންވަރު ބަޔާންކޮށްދެއްވަމުން، ރަށްރަށުގެ ނައިބުބޭކަލުންނާއި ކަލޭފާނުންނާއި ކަތީބުން އަދި މުދިމުން މަގުމަތިން ވަޑައިގަންނަވާ ވަގުތު ކުނިކަހަން ތިބޭ މީހުން ވެސް ތެދުވެ އެއްފަރާތުގައި މަޑުކޮށްލާ ކަމަށާއި، ކިޔަވާ ކުދިން އެ ބޭކަލުންގެ ކުރިކަނޑައި ނުދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މުޖުތަމަޢުގެ އާންމު ޚިދުމަތްތެރީންނަށް ”ކެޔޮބޭބެ“، ”މާވަޑިބޭބެ“، ”އެދުރުބޭބެ“ އަދި ”ބޭކެނބި ދައިތަ“ ފަދަ ލޯތްބާއި ޤަދަރު އެކުލެވޭ ލަފްޒުތަކުން މުޚާޠަބުކުރުމަކީ ދިވެހީންނަކީ އިސް މީހުންނަށް ކަމޭހިތާ ތަހުޒީބު ބައެއްކަން އަންގައިދޭ އަލިގަދަ ހެއްކެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ވަގުތަށް އިހްތިރާމްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، އޮފީސްތަކުގެ އިސްވެރީންނާއި އާދައިގެ މުވައްޒަފުން އަދި ސްކޫލް ދަރިވަރުން ވެސް ގަޑިއަށް ފަރުވާތެރިވި މިންވަރު ރައީސް ފާހަގަކުރެއްވި އިރު، ސަރުކާރުގައި 50 އަހަރު ޚިދުމަތްކުރެއްވި އިރު އެންމެ ދުވަހަކު ވެސް ގަޑިޖެހިވަޑައިގެންފައި ނެތް ފަޚުރުވެރި ރެކޯޑު އޮތް ބޭފުޅުން އުޅުއްވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަވަށްޓެރިކަމުގެ ގުޅުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އަވަށްޓެރިޔާގެ ގޭގެ ތެލީގައި އުނދުޅި ކާއްތާލާ އަޑު އިވުމުން އެ ގެއަކަށް ކާއެއްޗެހި ގެންގޮސްދިން މާޒީއާއި، އަވަށްޓެރިޔާއަށް އުނދަގޫވެދާނެތީ ގޯތިތެރޭގެ ގަސްގަހާގެހި ކޮށައި ބަލަހައްޓަމުން އައި ރީތި އާދަތަކަކީ ދިވެހީންގެ ނަމޫނާ ސިފަތަކެއް ކަމަށެވެ.
މި ރަސްމިއްޔާތު ނިންމަވާލައްވަމުން ރައީސް ޑރ. މުޢިއްޒު ވަނީ، މިފަދަ އަގުހުރި އިސްލާމީ އަދި ޤައުމީ ސިފަތައް މުޖުތަމަޢުން ފަނޑުވިޔަނުދީ ހިފެހެއްޓުމަށާއި، އަލަށް ފެށި މަޝްރޫޢުގެ ޒަރީޢާއިން އެ ރީތި އާދަތައް އަލުން އަނބުރާ ގެނައުމަށް އެންމެހާ ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.













