ޤައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި ޤައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށްޓަކައި، ހިނގަމުންމިދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު އިއްތިޙާދުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރުމަށް ޢަދާލަތު ޕާޓީން ނިންމައިފިއެވެ.
ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން މިރޭ ބޭއްވި ބައްދަލުވުމުގައި ފާސްކުރި ޚާއްޞަ ޤަރާރެއްގައި މި ނިންމުން ނިންމާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ޕީއެންސީގެ ފަރާތުން އެ ޕާޓީއަށް ދެއްވި ރަސްމީ ދަޢުވަތު ޤަބޫލުކުރުމަށްފަހުގައެވެ. އެ ޕާޓީގެ ދުސްތޫރުގެ 46.1 ވަނަ މާއްދާގެ ދަށުން މަޝްވަރާ މަޖިލީހަށް ލިބިދީފައިވާ ބާރުގެ ތެރެއިން ނިންމި މި ނިންމުމާއެކު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޑރ. މުޢިއްޒާއެކު ކޯލިޝަނެއްގެ ގޮތުގައި އެ ޕާޓީން މަސައްކަތް ކުރާނެއެވެ.
މި ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ދީނީ ކަންކަން ހަރުދަނާކުރުމަށާއި، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމުގެ އިތުރުން އިޤްތިޞާދު ރަނގަޅުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ސިޔާސީ ފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، ސަރުކާރާއެކު ގުޅިގެން މަސައްކަތްކުރުމަށް ޕީއެންސީން އެ ޕާޓީއަށް ދަޢުވަތު އަރުވާފައިވާ ކަމަށް ޤަރާރުގައި ވެއެވެ.
އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތުގެ އިތުރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ ޢަޤީދާއާއި އުޞޫލުތަކުގެ މައްޗަށް ބިނާކޮށް ޤައުމު ތަރައްޤީކުރުމަކީ ޢަދާލަތު ޕާޓީ އުފެދިފައިވާ މައިގަނޑު މަޤްޞަދުކަމަށް އެ ޕާޓީން ފާހަގަކުރެއެވެ. އަދި މި ދަނޑިވަޅުގައި ޤައުމަށް އެންމެ މަސްލަޙަތު ހުރި ގޮތަކީ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ސަރުކާރާއެކު ގުޅިގެން މަސައްކަތްކުރުން ކަމަށް ދެކޭތީ މި ފިޔަވަޅު އެޅީ ކަމަށްވެސް ޢަދާލަތު ޕާޓީގެ ޤަރާރުގައި ބުނެފައިވެއެވެ.













