މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރީތި އާދަކާދަ އަލުން އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި، ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ޚާއްޞަ ގައުމީ މަޝްރޫޢެއް މިރޭ ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މާފަންނު ޓްރެކް ދަނޑުގައި މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ”އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު“ ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ޙަފުލާގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވަނީ މި މަޝްރޫޢާ ގުޅޭ ތަފްޞީލީ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވާފައެވެ. މީގެ އިތުރުން، މަޝްރޫޢުގެ ރަސްމީ ލޯގޯއާއި މައި ޝިޢާރުގެ އިތުރުން، ޚާއްޞަ އިފްތިތާޙީ ވީޑިއޯއަކާއި ތީމް ލަވައެއްވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ ދައްކާލާފައެވެ. އަދި ޖަލްސާ ނިންމާލާފައިވަނީ ހަވާ އެރުވުމުގެ ޚާއްޞަ ޙަރަކާތަކާއެކުގައެވެ.
ދިވެހިންގެ ތެރެއިން ނެތެމުންދާ އިޙްތިރާމްކުރުމުގެ ރީތި ސިފަ އަލުން އަށަގެންނެވުމަށްޓަކައި ގައުމީ ފެންވަރުގެ ކެމްޕެއިނެއް ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވީ މި އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ.
މި ކަމާ ގުޅޭގޮތުން ރައީސް މީގެކުރިން ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހީންނަކީ ޒަމާނުއްސުރެ ލޯތްބާއި ކުލުނާއެކު އެކަކު އަނެކަކަށް އިޙްތިރާމްކުރަމުން އައި ބައެއް ނަމަވެސް، ފަހަކަށް އައިސް ސިޔާސީ އޮއިވަރުގެ ސަބަބުން އެ ރީތި އާދަ ވަނީ ވަރަށް ބޮޑަށް ފަނޑުވެފައެވެ. އެހެންކަމުން، ގައުމުގެ އުމްރާނީ ތަރައްޤީއާ އެއްވަރަށް، ރައްޔިތުންގެ ވިސްނުމާއި އުޅުމާއި އިޖުތިމާޢީ ގުޅުންތައްވެސް ތަރައްޤީވެ، ހަގީގީ މާނައިގައި ވަށާޖެހޭ ތަރައްޤީއެއް ހާސިލްކުރުމަށް އެންމެންގެ ބައިވެރިވުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޝްރޫޢު ކުރިއަށްގެންދާނީ އެކި ދާއިރާތަކުގެ ފަންނުވެރިންނާއި މުޖުތަމަޢުގެ ހުރިހާ އުމުރުފުރައެއްގެ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު، ނަތީޖާ ނެރެދޭނެ ތަފާތު ޙަރަކާތްތަކެއް ހިމަނައިގެންނެވެ.













