ރާއްޖޭގައި މިހާތަނަށް ތަރައްޤީކުރާ އެންމެ ބޮޑު ވަޤުފު އިމާރާތް ކަމަށްވާ ”ދާރުއްސަލާމް“ ގެ ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
އިސްލާމީ ދާއިރާއަށް ލިބޭ މާލީ މަންފާ އިތުރުކޮށް ވަޤުފު ފަންޑު ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ވަނީ ސައިޓުގެ ޢަމަލީ މަސައްކަތްތައް ފަށާފައެވެ.
ހުޅުމާލޭ އަމީން އެވެނިއު ކުރިމަތީގައި އޮންނަ ބިމުގައި މި އިމާރާތް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ފައިނޭންސިންގެ އެހީގައި ޖުމްލަ 244 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢު ނިމުމުން، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ މެއިންޓެނަންސް މަސައްކަތްތައް ވެސް ބަލަހައްޓާނީ އެ ކުންފުނިންނެވެ.
ޒަމާނީ ފެންވަރަށް 13 ފަންގިފިލާއަށް ތަރައްޤީކުރާ މި އިމާރާތުގައި ޕާކިންގ ޒޯނަކާއި، ގްރައުންޑް ފްލޯގައި ރިސެޕްޝަނާއި އިތުރު ޕާކިންގ ޖާގަ ހުންނާނެއެވެ. މީގެ އިތުރުން ކޮންފަރެންސް ހޯލަކާއި، ޒަމާނީ އޮފީސް ބައިތަކާއި، މީޓިންގ ރޫމްތަކާއި، ނަމާދުކުރާ ކޮޓަރިއެއްގެ އިތުރުން ޑޭ ކެއަރ ސެންޓަރެއް ވެސް މިތަނުގައި ޤާއިމުކުރާނެއެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެ އިންތިޒާމުތަކާއި ލިފްޓުގެ ޚިދުމަތް ހިމެނޭހެން ފަރުމާކޮށްފައިވާ މި އިމާރާތުގެ އެންމެ މަތީގައި ހާމަކޮށް އޮންނަ އޯޕަން ޓެރަސްއެއް ވެސް ހިމެނޭނެއެވެ.
މި އިމާރާތުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން އަހަރަކު ގާތްގަނޑަކަށް 60 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން އަންދާޒާކުރެއެވެ. މި އާމްދަނީގެ 20 އިންސައްތަ މޯލްޑިވްސް ޒަކާތު ހައުސްއަށް ޚާއްޞަކުރާއިރު، ބާކީ 80 އިންސައްތަ ޖަމާކުރުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ވަޤުފު ފަންޑަށެވެ.













