ހިނގަމުންދާ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވުގައި ހުންނާނީ 817.17 މިލިއަން ޑޮލަރު ކަމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އަންދާޒާކޮށްފިއެވެ.
މިއަހަރުގެ ނިޔަލަށް ރިޒާވް މި އަދަދަށް ދަށްވާނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 16.9 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި 984.6 މިލިއަން ޑޮލަރު ހުއްޓެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފޮތުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރިޒާވް ދަށްވި މައިގަނޑު އެއް ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން މުދަލުގެ އަގުތައް އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގައި، ދައުލަތުން ބޮޑެތި ބޭރުގެ ދަރަނިތަކެއް އަދާކުރަން ޖެހުމެވެ. އެގޮތުން، މި އަހަރުގެ އޭޕްރީލް މަހު އަދާކުރި 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ތެރެއިން 350 މިލިއަން ޑޮލަރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުން ހަމަޖެއްސި ނަމަވެސް، ބާކީ ބައި ދައްކާފައިވަނީ ރަސްމީ ރިޒާވުންނެވެ.
މީގެއިތުރުން، މިއަހަރުގެ ބަޖެޓުގައި ރިޒާވް ހުންނާނެ މިންވަރު އަންދާޒާކޮށްފައިވަނީ ދުނިޔޭގެ މާކެޓަށް އަންނަ ބަދަލުތަކާއި، ސަރުކާރުން ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއި، މަނިޓަރީ ސިޔާސަތުތަކުގެ އިތުރުން ލިބޭނެ ކަމަށް ލަފާކުރެވޭ ބޭރުގެ ފައިނޭންސިންގތަކަށް ރިއާޔަތްކުރުމަށް ފަހުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ދައުލަތުގެ ރިޒާވް ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު، ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން ޝަރުތުހަމަވާ ވިޔަފާރިތަކުން 40 އިންސައްތަ ބޭންކުތަކަށް މާރުކުރަން ވަނީ ލާޒިމުކޮށްފައެވެ. އަދި އޭގެ ތެރެއިން ބައެއް މަރުކަޒީ ބޭންކަށް ވިއްކުމުން، ރިޒާވް އިތުރުކުރުމަށް އެހީތެރިވެގެންދެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވުގައި ހުރީ 547.7 މިލިއަން ޑޮލަރެވެ. މިއީ އޮގަސްޓު މަހު ހުރި 643.9 މިލިއަން ޑޮލަރާ އަޅާބަލާއިރު 14.9 އިންސައްތައިގެ ދަށްވުމެކެވެ. ހަމައެއާއެކު، ސެޕްޓެމްބަރު މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވް (ޔޫޒަބަލް ރިޒާވް) ވަނީ 167.7 މިލިއަން ޑޮލަރަށް ދަށްވެފައެވެ.
މަރުކަޒީ ބޭންކުން ހާމަކުރާ ގޮތުގައި ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވް އިތުރުކުރުމަކީ ބޭރު ފައިސާގެ އަގު ހިފެހެއްޓުމަށާއި އިޤްތިޞާދީ ހަމަޖެހުން ޤާއިމުކުރުމަށްޓަކައި މިވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެވެ.












