ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރެއްގެ ނޮވެންބަރު 14 ވަނަ ދުވަސް ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު، މިއަހަރުގެ މި ދުވަސް ރާއްޖޭގައި ބައްދަލުކުރީ ޞިއްޙީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވަމުންނެވެ. ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަން ބޮޑުވެފައިވާއިރު، މިއަހަރުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ”ހަކުރުބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅަމާ“ (Early Action on Diabetes) އެވެ.
ރާއްޖޭގެ ޞިއްޙީ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 85 އިންސައްތައަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ޝިކާރައަކަށްވާ ފަރާތްތަކެވެ. އަދި މިފަދަ ބަލިތަކުގެ ތެރެއިން ރާއްޖޭގައި ތިންވަނައަށް އެންމެ ގިނައިން މީހުން މަރުވާ މައިގަނޑު ސަބަބަކީ ހަކުރުބައްޔެވެ. ހޮސްޕިޓަލްތަކުން އެއްކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ހަށިގަނޑުގައި އިންސިއުލިން ނުއުފެއްދުމުގެ ސަބަބުން ޖެހޭ ޓައިޕް 1 ޑައިބެޓީސްގެ 300 އެއްހާ ބަލިމީހުން އަދި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ޓައިޕް 2 ޑައިބެޓީސްގެ 7000 އަށްވުރެ ގިނަ މީހުން ދަނީ ފަރުވާ ހޯދަމުންނެވެ. މީގެއިތުރުން މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ދިއުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 250 އަންހެނުން ފަރުވާ ހޯދަންޖެހެއެވެ.
ހަކުރުބަލި ޖެހުމަށް މަގުފަހިކުރާ ނުރައްކާތެރި އާދަތަކަށް ބަލާއިރު، ދިވެހި މުޖުތަމަޢުގައި ދުންފަތުގެ އިސްތިޢުމާލުކުރުން އޮތީ ބިރުގަންނަންޖެހޭ މިންވަރެއްގައެވެ. ސްޓެޕް ސާރވޭގެ ނަތީޖާއިން ދައްކާގޮތުގައި ފިރިހެނުންގެ 35.6 އިންސައްތަ އަދި އަންހެނުންގެ 7.6 އިންސައްތަ މީހުން ދުންފަތުގެ އިސްތިޢުމާލުކުރާއިރު، އުމުރުން އެންމެ 8 އަހަރުގެ ކުދިންވެސް މި ނުރައްކާތެރި ވަބާގެ ތެރެއަށް ވަންނަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ބަރުދަން މާބޮޑަށް އިތުރުވުމާއި، ހެލިފެލިވެ އުޅުން މަދުވުމުގެ އިތުރުން ދުންފަތުގެ ދުމަށް ހުށަހެޅުމަކީ އިންސިއުލިން ރަނގަޅަށް މަސައްކަތްކުރުމަށް ހުރަސްއަޅައި ހަކުރުބައްޔަށް ހުށަހެޅިގެންދާ މައިގަނޑު ސަބަބުތަކެވެ.
ނަމަވެސް، މިއީ ދުރާލާ ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނެސްގެން ފަސޭހައިން ރައްކާތެރިވެވިދާނެ ބައްޔެކެވެ. އެގޮތުން މިންހެޔޮ ކާނާ ބޭނުންކުރުމާއި، ކެއުމުގެ ވަގުތުތަކާއި މިންވަރަށް ސަމާލުވުމާއި، ގަވާއިދުން ކަސްރަތުކޮށް ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ. މީގެއިތުރުން ދުންފަތުން ދުރުހެލިވުމާއެކު، ޢާއިލާގައި ބަލި ހުރިނަމަ ނުވަތަ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސްކްރީންކުރުމާއި، ބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކުން ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ގަވާއިދުން ޓެސްޓުތައް ހަދައި ބަލި ކޮންޓްރޯލްކުރުމަކީ މުހިންމު ކަމެކެވެ.
މި ނުރައްކަލުން ރައްޔިތުން ސަލާމަތްކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ”ނެޝަނަލް މަލްޓިސެކްޓޯރަލް އެކްޝަން ޕްލޭން 2023-2031“ ގެ ދަށުން، ޕްރައިމަރީ ހެލްތު ކެއާގެ ޚިދުމަތްތައް ފުޅާކޮށް، ދުރާލާ ބަލި ދެނެގަތުމުގެ ވަރުގަދަ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރެވެމުންނެވެ. މިއަހަރުގެ ދުވަހާ ގުޅުވައިގެން ރަސްމީ ’ޑައެބެޓީސް މެނޭޖްމަންޓް ޕްރޮޓޮކޯލް‘ ތަޢާރަފްކުރާއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް ޑައިބެޓީސް ސޮސައިޓީ ގުޅިގެން މުޅި ރާއްޖޭގައި ވަނީ ”މޯލްޑިވްސް ސްވިމްސް ފޯ ޑައިބެޓީސް“ ގެ ނަމުގައި ފެތުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ”އާލީ އެކްޝަން އޮން ޑައިބެޓީސް“ ފޯރަމް ބޭއްވުމުގެ އިތުރުން ރ. އަތޮޅުގައި ސްކްރީނިންގ އަދި ހޭލުންތެރިކަމުގެ އައުޓްރީޗް ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ތާވަލުކުރެވިފައެވެ.


