ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ”ވީއޭއެމް ބީޗްވޮލީ ޗެމްޕިއަންޝިޕް 2026“ ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން، ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ހައްވާ ރާޝިދާއާއި އައިޝަތު މާޖިދާގެ ޕެއާއިން ހޯދައިފިއެވެ.
މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗުގައި ހައްވައާއި މާޖިދާގެ ޕެއާ ވާދަކުރީ އައިމިނަތު އަރީޝާ އަދި ފާތިމަތު އަނާލްގެ ޕެއާއާއެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ހައްވައާއި މާޖިދާ ކާމިޔާބުކުރީ 1-2 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު 16-21 އިން އަރީޝާއާއި އަނާލް ކާމިޔާބުކޮށްފައިވަނިކޮށް، ހައްވައާއި މާޖިދާ ވަނީ ކުޅުން ރަނގަޅުކޮށް ދެވަނަ ސެޓު 21-14 އިން ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު ފޯރިގަދަ ފަހު ސެޓު 15-17 އިން ކާމިޔާބުކޮށް ރަން މެޑަލް ކަށަވަރުކުރީ ހައްވައާއި މާޖިދާއެވެ. މި ނަތީޖާއާއެކު އަރީޝާއާއި އަނާލްގެ ޕެއާއަށް ލިބުނީ މުބާރާތުގެ ރިހި މެޑަލް ނުވަތަ ފަސްޓް ރަނަރަޕް ކަމެވެ.
ޖުމްލަ 12 ޓީމު ވާދަކުރި މި މުބާރާތުގެ ސެކަންޑް ރަނަރަޕް (ތިންވަނަ) ހޯދާފައިވަނީ ފާތިމަތު ޒީނިޔާ މޫސާއާއި މާޔާ ހުސެއިންގެ ޕެއާއެވެ.
މި މުބާރާތަކީ ކުރިއަށް އޮތް ވީއޭއެމް ބީޗް ވޮލީބޯލް ލީގަށް ކޮލިފައިވުމަށް ބޭއްވުނު މުބާރާތެކެވެ. އެގޮތުން، މި ޗެމްޕިއަންޝިޕުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ހަ ޓީމު މިހާރު ވަނީ ލީގަށް ކޮލިފައިވެފައެވެ. ލީގުން ޖާގަ ހޯދި ޓީމުތަކަކީ:
- ހައްވާ ރާޝިދާ އަދި އައިޝަތު މާޖިދާ
- އައިމިނަތު އަރީޝާ އަދި ފާތިމަތު އަނާލް
- ފާތިމަތު ޒީނިޔާ މޫސާ އަދި މާޔާ ހުސެއިން
- ޝަހާ އަދި ރިޝްފާ
- ނާޒިމާ އަދި ރިޔާސާ
- މައިހާ އަދި މަނާލް
ވީއޭއެމް އިން މަޢުލޫމާތު ދޭ ގޮތުގައި، މި މަހުގެ 14 އިން 16 ގެ ނިޔަލަށް ކުރިއަށްދާ ވީއޭއެމް ބީޗްވޮލީބޯލް ލީގުން އެންމެ ކުރި ހޯދާ ހަތަރު ޓީމަށް، އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ބީޗްވޮލީބޯޅައިގެ ޤައުމީ މުބާރާތުން ޖާގަ ލިބިގެންދާނެއެވެ.









