”އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު“ އިފްތިތާޙުކުރުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެކަމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންދާކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، އިފްތިތާޙު ކުރުމުގެ ޖަލްސާގެ އިދާރީ ތައްޔާރީތަކުގެ އިތުރުން ޖަލްސާގެ ރިހާސަލް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަކަށް ފެށުމަށް ތައްޔާރުވަމުންދާ މަޝްރޫޢެކެވެ.
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ، ދިވެހިންގެ ތެރޭގައި އިޙްތިރާމް އަދާކުރުމުގެ ރިވެތި އާދަ އަށަގެންނެވުމަށް ރާވާލެވިފައިވާ ޤައުމީ ފެންވަރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގައި އިސްކޮށް ހަރަކާތްތެރިވަނީ، ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑިއާ، އެވެ.
މި މަޝްރޫޢު އެންމެ އެކަށީގެންވާ ގޮތުގައި ހިންގުމަށް ވިލަރެސް ކުރުމަށްޓަކައި، ފަންނުގެ ތަޖުރިބާ ހުރި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއްވެސް ވަނީ އުފައްދަވާފައެވެ. މި ކޮމިޓީން މަޝްރޫޢުގެ ހުރިހާ ކަމެއް ރާވާ ހިންގުމުގައި މިހާރު ދަނީ ދައުރެއް އަދާކުރަމުންނެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤުސަދަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް ރިވެތި އިސްލާމީ އަދަބު އަޚުލާޤާއި، ދިވެހީންގެ މެދުގައި އޮތް އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ ރިވެތި ސިފަތައް، އަދުގެ ދިވެހިންގެ ކިބައިގައި އަށަގެންނެވުމަށް މަގުފަހިކުރުމެވެ. މި ގޮތުން، މުޖުތަމަޢުގައި އިޙްތިރާމްގެ ސަޤާފަތެއް ދެމެހެއްޓުމަށާއި، ޢާއިލީ އަދި އިޖުތިމާޢީ ގުޅުންތައް ވަރުގަދަކުރުމަށް މި މަޝްރޫޢުން އެހީތެރިވެދޭނެކަމަށް ބެލެވެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ބާއްވާ މި ޖަލްސާއަށް ސަރުކާރުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ޢިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.













