1988 ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާގެ ހަނދާންތައް އާކޮށް، ޤައުމީ ރޫޙު ދިރުވުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިންތިޒާމުކުރާ ސިފައިންގެ ޚާއްޞަ މައުރަޒެއް ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި މައުރަޒު އިފްތިތާޙުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފެވެ.
ދިއްދޫގައި މި މައުރަޒު ބޭއްވުމުގެ ޚާއްޞަ އެއް މަޤްޞަދަކީ ނޮވެންބަރު 3 ގެ ޢުދުވާނުގައި ޤައުމަށްޓަކައި ޝަހީދުވި ދިއްދޫ ޗާންދަނީއާގެ، އަލްމަރްޙޫމް ޢުމަރު އަޙްމަދުގެ ހަނދާންތައް އާކޮށް، އެ ދުވަހު ދިވެހި ސިފައިންނާއި ރައްޔިތުން ދެއްކި ހިތްވަރާއި ވީ ޤުރުބާނީ އާންމުންނަށް ދައްކުވައިދިނުމެވެ.
އެ ދުވަހުގެ ހަމަލާތައް ފެށުނީއްސުރެ ދިވެހިންނަށް ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ތާރީޚީ ހާދިސާތައް ވަގުތު ފީތާއެއްގެ ގޮތުގައި ފެންނާނޭހެން، ތަފާތު ކުރެހުންތަކާއި، ފޮޓޯތަކާއި، ތާރީޚީ ލިޔުންތަކުގެ އިތުރުން އަޑާއި މަންޒަރުގެ ވަސީލަތްތައް ބޭނުންކޮށްގެން މި މައުރަޒުގައި ވަނީ ދައްކާލާފައެވެ.
މިއަދު ހުޅުވި މި މައުރަޒު މާދަމާގެ ނިޔަލަށް ދިއްދޫ އިސްލާމީ މަރުކަޒުގައި ކުރިއަށްދާއިރު، އާންމުންނަށް މައުރަޒަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.
މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ސިފައިންގެ އަހަރީ މަޖައްލާ ”އައްޑަނަ“ އިގެ 40 ވަނަ ޢަދަދު ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފް ނެރެދެއްވާފައިވާއިރު، މައުރަޒު ބޭއްވުމުގައި ދިއްދޫ ކައުންސިލުން ދެއްވި އެއްބާރުލުމުގެ އަގުވަޒަންކޮށް އެމްއެންޑީއެފްގެ ފަރާތުން ކައުންސިލްގެ ރައީސް އުޘްމާން ރަޝީދަށް ހަނދާނީ ފިލައެއް ވެސް ވަނީ އަރުވާފައެވެ.
މި މައުރަޒުގެ އިތުރުން، ނަޞްރުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މާދަމާ ހެނދުނު 10:00 އިން 12:00 އަށް ދިއްދޫ ބަނދަރުގައި އޮންނަ ކޯސްޓްގާޑް ލޮނޑިޔާ ”ނޫރައްދީން“ އަށް ޒިޔާރަތްކުރުމުގެ ފުރުޞަތު އާންމުންނަށް ލިބޭނެއެވެ.
ހަމައެހެންމެ، މާދަމާ ހަވީރު 16:00 ގައި ދިއްދޫ އިސްލާމީ މަރުކަޒު ސަރަހައްދުގައި ސިފައިންގެ މިލިޓަރީ ޑިސްޕްލޭއަކާއި ޢާއިލީ ހަވީރެއް ބޭއްވުމަށް ވެސް އެމްއެންޑީއެފުން ވަނީ ހަމަޖައްސާފައެވެ.
ދިއްދޫގައި ކުރިއަށްދާ މި ހަރަކާތްތަކަށްފަހު، ނޮވެންބަރު 3 ގެ ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ހއ. ބާރަށުގައި ވެސް މި މަހުގެ 20 އަދި 21 ވަނަ ދުވަހު މި މައުރަޒު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.













