ސެމްސަންގުން އަލަށް ނެރެން ތައްޔާރުވަމުންދާ ގެލެކްސީ އެސް 27 ސީރީޒްގެ ފޯނުތައް ލިބެން ހުންނާނެ ކުލަތައް ލީކުވެ، އައިފޯން 18 ޕްރޯއާ އެއްގޮތް ކުލައެއް އޭގެ ތެރޭގައި ހިމެނޭކަން ހާމަވެއްޖެއެވެ.
ސެމްސަންގުން އަލަށް ނެރޭ ގެލެކްސީ އެސް 27 ސީރީޒްގެ ފޯނުތަކުގެ ރަސްމީ ވޯލްޕޭޕަރުތައް ކަމަށް ބެލެވޭ ފަސް ވޯލްޕޭޕަރެއް ސެމީގޫރޫއަށް ވަނީ ލިބިފައެވެ. އެ ވޯލްޕޭޕަރުތައް ހުރީ ނޭވީ، ހުދު، މަޑު ނޫ، ފިޔާތޮށި އަދި ބާގަންޑީ ކުލައިންނެވެ. އާންމުގޮތެއްގައި ސެމްސަންގުން ފޯނުތައް ނެރޭއިރު އެ ފޯނުތަކުގެ ވޯލްޕޭޕަރުތައް ތައްޔާރުކުރަނީ ފޯނު ލިބެން ހުންނާނެ ކުލަތަކާ ގުޅޭގޮތަށް ކަމަށްވާތީ، ގެލެކްސީ އެސް 27 ސީރީޒް ވެސް ނެރޭނީ މި ފަސް ކުލައިން ކަމަށް ބެލެވެއެވެ.
މި ކުލަތަކުގެ ތެރެއިން ނޭވީ އަދި ބާގަންޑީ ކުލައަކީ ޕްރީމިއަމް އިހުސާސެއް ގެނެސްދޭ ދެ ކުލަކަމަށްވާތީ، އެ ދެ ކުލަ ޚާއްޞަކުރާނީ ގެލެކްސީ އެސް 27 ޕްރޯ އަދި ގެލެކްސީ އެސް 27 އަލްޓްރާ މޮޑެލްތަކަށް ކަމަށް ބެލެވެއެވެ. އަދި އާދައިގެ ގެލެކްސީ އެސް 27 އާއި އެސް 27 ޕްލަސް ލިބެން ހުންނާނީ ހުދު، މަޑު ނޫ އަދި ފިޔާތޮށި ކުލައިން އެކަނި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެ ކުރިން މަޝްހޫރު ޓިޕްސްޓަރެއް ކަމަށްވާ އައިސް ޔުނިވާސް ވަނީ ގެލެކްސީ އެސް 27 އަލްޓްރާ ނެރޭނީ ކަޅު، ނޫ، މަޑު ފިޔާތޮށި، ވައިލެޓް އަދި ހުދު ކުލައިން ކަމަށް ބުނެފައެވެ. އެހެންކަމުން ކުލަތަކާ ގުޅޭގޮތުން ތަފާތު ރިޕޯޓްތަކެއް ފެންމަތިވެފައިވާތީ، މި މައުލޫމާތަށް ފުރިހަމައަށް ބަރޯސާވުމުގައި ސަމާލުވާން ޖެހެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ އެޕަލްއިން އެންމެ ފަހުން ނެރުނު އައިފޯން 18 ޕްރޯ މޮޑެލްތައް ވެސް އާ ބާގަންޑީ ކުލައެއްގައި ނެރެފައިވުމެވެ. އެހެންކަމުން ސެމްސަންގުން މި ކުލަ ހިމަނާފައިވަނީ އެޕަލްގެ އުފެއްދުންތަކުން ހިޔާލު ހޯދައިގެން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިކަމުގެ އެންމެ ސައްހަ މައުލޫމާތު ކަށަވަރުވާނީ 2027 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގެލެކްސީ އެސް 27 ސީރީޒް ރަސްމީކޮށް ލޯންޗުކުރުމުންނެވެ.









