އެމެރިކާގެ ނިއުޔޯކް ސިޓީގެ ބްރޫކްލިން އަވަށުގައި ހުރި ތިން ބުރީގެ އިމާރާތެއް ވެއްޓި، އަށް މީހުން މަރުވެ، އިތުރު 17 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.
މިދިޔަ ބުދަ ދުވަހުގެ ހަވީރު 4:00 ހާއިރު ހިނގި މި ހާދިސާގައި ވެއްޓިފައިވަނީ 1930 ވަނަ އަހަރު އިމާރާތްކޮށްފައިވާ 96 އަހަރުވީ ބާ އިމާރާތެކެވެ. ފްލެޓްބުޝް އެވެނިއު އާއި ބެޑްފޯޑް އެވެނިއު ގުޅޭ ސަރަހައްދުގައި ހުރި މި އިމާރާތް އެއްކޮށް ވެއްޓިފައިވަނީ އެ އިމާރާތާ ޖެހިގެން އޮތް ހުސް ބިމެއްގައި އާ އިމާރާތެއް އެޅުމަށް ކޮނެފައިވާ ވަޅުގަނޑެއްގެ ތެރެއަށެވެ.
މި ހާދިސާގައި ވެއްޓުނު އިމާރާތާ ޖެހިގެން ހުރި އިމާރާތުގެ އެއްފަރާތު ފާރުވެސް ވަނީ އެއްކޮށް ވެއްޓި، އެތަނުގެ އެޕާޓްމަންޓްތަކުގެ އެތެރެ ހާމަވެފައެވެ. ނިއުޔޯކް ސިޓީގެ ޑިޕާޓްމަންޓް އޮފް ބިލްޑިންގްސްގެ ކޮމިޝަނަރު އަޙްމަދު ތިގާނީ ބުނެފައިވާ ގޮތުގައި، މި އިމާރާތް ވެއްޓުނު ވަގުތު ޖެހިގެން އޮތް ބިމުގައި ކޮންސްޓްރަކްޝަން މަސައްކަތްތެރިން ދިޔައީ ބިންގާ އެޅުމަށް ކޮނުމުގެ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާގައި މަރުވި އަށް މީހުންގެ ތެރޭގައި ދެ ކުޑަކުދިންނާއި، އިމާރާތް ކުރުމުގެ މަސައްކަތުގައި އުޅުނު ދެ މީހަކު ހިމެނެއެވެ. މީގެ ތެރެއިން ހަ މީހުން ހާދިސާ ހިނގި ތަނުގައި މަރުވެފައިވާއިރު، އަނެއް ދެ މީހުން މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އަދި އަނިޔާވި މީހުންގެ ތެރޭގައި ހަތް ކުޑަކުދިންނާއި، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ތިން ފަޔަރ ފައިޓަރުން ހިމެނޭއިރު، އޭގެ ތެރެއިން އެއް ފަޔަރ ފައިޓަރަކަށް ލިބިފައިވަނީ ކުދި އަނިޔާތަކެކެވެ.
އިމާރާތުގެ ގާތަކުގެ ދަށުގައި ތާށިވެފައި އޮތް ބަލިވެއިންތާ ހަ މަސްވެފައިވާ އަންހެނަކު ވަނީ ސަލާމަތްކޮށް، އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ އަންހެން މީހާ ދިރިހުއްޓާ ސަލާމަތްވި ޚަބަރު ލިބުމާއެކު އޭނާގެ ފިރިމީހާއަށް އުފަލުން ރޮވި، ކައިރީގައި ހުރި މީހެއްގެ ގައިގައި ބައްދާލައި، އޭނާގެ އަންހެނުން ދިރިއެބަހުރި ކަމަށާއި އެކަމާ ވަރަށް އުފާވާ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، ސަލާމަތްވި ބައެއް ކޮންސްޓްރަކްޝަން މަސައްކަތްތެރިން އަނބުރާ ގާތަކުގެ ތެރެއަށް ވަދެ ގިނަ ބައެއްގެ ފުރާނަ ސަލާމަތްކޮށްދީފައިވާކަން ފާހަގަކުރެވެއެވެ.
ނިއުޔޯކް ސިޓީގެ މޭޔަރު ޒޯހްރާން މަމްދާނީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށްދާ ކަމަށާއި، އެ ސަރަހައްދާ ކައިރިއަށް ނުދިއުމަށް ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ. އަދި 250 އަށްވުރެ ގިނަ ފަޔަރ ފައިޓަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، މި ބޮޑު ހިތާމައިގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ އާއިލާތަކާއެކު މުޅި ސިޓީ އޮތް ކަމަށް މަމްދާނީ ބުނެފައިވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ނިއުޔޯކްގެ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ވެއްޓުނު އިމާރާތަކީ ކުރިންވެސް މަރާމާތާއި ރައްކާތެރިކަމާ ގުޅޭ 98 މައްސަލައެއް ރިކޯޑް ކުރެވިފައިވާ ތަނެއްކަމަށާއި، ޖެހިގެން އޮތް ބިމުގައި ކޮނުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތާމެދު ސުވާލު އުފެދިފައިވާތީ އެ މަސައްކަތް މިހާރު ވަނީ ހުއްޓުވާފައެވެ. އަދި ޖެހިގެން ހުރި އިމާރާތްތަކުން މީހުން ހުސްކޮށް، އެ ސަރަހައްދުގެ މަގުތައް ވަނީ ބަންދުކޮށްފައެވެ.










