އީރާނާއެކު ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެމެރިކާގެ ރިޕަބްލިކަން ޕާޓީ (ޖީއޯޕީ) އާ ދެކޮޅަށް ވޯޓު ދިން ރައްޔިތުންނާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ޓްރަމްޕް ބުނި ގޮތުގައި، އެމެރިކާއާއި އެހެން ގައުމުތަކަށް ނިއުކްލިއާ ހަތިޔާރުން ހަމަލާދޭނެކަން ޔަގީންވާ ފަދަ ގައުމެއް ނައްތާލުމަށްޓަކައި ދައްކަންޖެހޭ އަގަކީ ވަރަށް ކުޑަ އަގެކެވެ. އަދި އެފަދަ ކަމަކާ ގުޅިގެން ރައްޔިތުންގެ ފަރާތުން ފެނުނު ނިންމުމާމެދު މާޔޫސްވެފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
މީގެ އިތުރުން، ވޯޓުލާ މީހުން ނުރުހުން ފާޅުކޮށްފައިވަނީ ސީދާ ހަނގުރާމައާމެދު ނޫން ކަމަށާއި، އޭގެ ބަދަލުގައި އެ ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ކުރިމަތިވި ނޭދެވޭ އަސަރުތަކާ ގުޅިގެން ކަމަށް ޓްރަމްޕް ލަފާކުރިއެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އެމެރިކާގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެފައިވާއިރު، މިކަމުގެ ސިޔާސީ ޕްރެޝަރު ޓްރަމްޕްގެ ސަރުކާރަށާއި ރިޕަބްލިކަން ޕާޓީއަށް ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.










