ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި މޫސުމީ ވިލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިން ދިވެހިރާއްޖެއާއި އދ. ގެ ތަރައްޤީއާ ބެހޭ ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޖަމުޢިއްޔާގެ އެޑްމިނިސްޓްރޭޓަރ އެލެގްޒެންޑަރ ޑި ކްރޫއާއެކު މަޝްވަރާކުރައްވައިފިއެވެ.
އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާގެ ބައިވެރިންގެ 31 ވަނަ ކޮންފަރެންސް (ކޮޕް31) ގެ ހަވާސާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދެފަރާތުގެ މަސްލަހަތު ހިމެނޭ މުހިންމު ދާއިރާތަކާއި ކުރިމަގުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކަށް ދެބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ތަރައްޤީއަށްޓަކައި ޔޫއެންޑީޕީން ޒަމާނުއްސުރެ ދެއްވަމުން ގެންދަވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި، އެ ޖަމުޢިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.
ދެފަރާތުން ހިއްސާވާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި ދިވެހި ރައްޔިތުންނަށް ދެމެހެއްޓެނިވި ފައިދާތަކެއް ހޯއްދަވައިދެއްވުމަށްޓަކައި، ޔޫއެންޑީޕީއާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މީގެއިތުރުން، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދެފަރާތް ގުޅިގެން މެދުކެނޑުމެއްނެތި މަސައްކަތްކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާއާއި ޔޫއެންޑީޕީގެ އެޑްމިނިސްޓްރޭޓަރވެސް ވަނީ ފާހަގަކުރައްވާފައެވެ.













