މާލޭގެ ފުރުގާން މިސްކިތުގެ އަންހެނުން ނަމާދުކުރާ ބައިގައި އަޅުކަމުގައި ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެ، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ހިންގި މައްސަލައެއްގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. މާލޭހިޔާ 2 02-13، ނައުޝާދު މޫސާ އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މިސްކިތުގައި ނަމާދަށް ހުރި މީހެއްގެ ކުރިމަތީގައި އޭނާ ބަރަހަނާވެ ޖިންސީ އަމަލެއް ހިންގި ކަމަށް ބުނެ، އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހުދު އެ އަންހެން މީހާ ފުލުސް އޮފީހަށް ހާޒިރުވެ އެވެ.
މި ތުހުމަތާ ގުޅިގެން އޭނާ ހައްޔަރުކޮށް، މިފަދަ އަމަލުތައް ތަކުރާރު ނުކުރެވޭނެ ފަދަ ގޮތަކަށް ފިޔަވަޅު އެޅުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ނައުޝާދަކީ މީގެ ކުރިން ވެސް ތަފާތު އެކި ފަހަރު މަތިން މިސްކިތްތަކުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ މީހެކެވެ.
އެގޮތުން، ފުރުގާން މިސްކިތުގެ ތެރެއަށް ގަޟާހާޖާކުރި މައްސަލައެއްގައި މިދިޔަ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު ވެސް އޭނާ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓި އެވެ.
އެ މައްސަލައިގައި ކުށް ސާބިތުވެ، އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް މި މަހުގެ އެއްވަނަ ދުވަހު ކޯޓުން އިއްވި ނަމަވެސް، ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އެއް މަހާއި 21 ދުވަހު އޭނާ ބަންދުގައި ހުރެފައިވާތީ، އިތުރަށް ތަންފީޒުކުރަންޖެހޭ އަދަބެއް ނެތް ކަމަށް ކަނޑައަޅައި އޭނާ ވަނީ ދޫކޮށްލާފަ އެވެ.
ޖަލު ބަންދުން މިނިވަންވުމަށްފަހު ވެސް އޭނާ އެ މިސްކިތުގެ ތެރޭގައި ނިދާފައި އޮންނަ މަންޒަރު ފެންނަ ފޮޓޯތަކެއް ދާދި ފަހުން ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
މީގެ އިތުރުން، މާޒީގައި ވެސް ފުރުގާން މިސްކިތުގައި ހުރި ހަތިމުތައް އުކާލައި، ކަރަންޓު ބޯޑުތަކަށް ގެއްލުންދީ ތަކެތި ހަލާކުކޮށްލި މައްސަލަތަކެއްގައާއި، މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައި ވެސް އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.












