ކާބޯތަކެތީގެ ވިޔަފާރިން އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ”ބާބާ ގާޑިޔާ“ ގެ ވެރިޔާ، ހަސަން އަތީގު (ބާބާ) އަށް ހާޓް އެޓޭކެއް ޖެހި، ހާލު ސީރިއަސްވުމާ ގުޅިގެން ރާއްޖެއިން ބޭރަށް ގޮސް އިތުރު ފަރުވާ ހޯދުމަށް އާންމުންގެ ދީލަތި އެހީތެރިކަމަށް އެދިއްޖެ އެވެ.
ފުވައްމުލަކަށް އުފަން އަތީގަށް ހާޓް އެޓޭކެއް ޖެހުނީ މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އެ ރަށުގައި ހުއްޓަ އެވެ. އެ ރަށު ހޮސްޕިޓަލުން ފުރަތަމަ ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ޖެހިގެން އައި ދުވަހު މާލެ ގެނެސް އައިޖީއެމްއެޗުގައި ވަނީ އެޑްމިޓްކޮށްފަ އެވެ.
މާލެ ގެނައި ފަހުން އޭނާގެ ހިތުގެ ދެ އެންޖިއޯގްރާމް މިހާތަނަށް ހަދާފައިވާއިރު، ހާޓް އެޓޭކަށްފަހު ކަރުގެ ދެފަރާތުގެ ނާރުތައް ވަރަށް ބޮޑަށް ދުޅަވެ ރިއްސާތީ އުޅޭ ކަމަށް އަތީގު ބުނެފައިވެ އެވެ. މި ތަދު ބޮޑުވާތީ ހޮސްޕިޓަލަށް ދާ ކޮންމެ ފަހަރަކު އިމަޖެންސީ ރޫމުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.
ކާޑިއޯ، ނިއުރޯ އަދި އީއެންޓީ ޑޮކްޓަރުންނަށް ދައްކައިގެން ގިނަ ޓެސްޓުތަކެއް ހެދި ނަމަވެސް، އެންޖިއޯގްރާމަށްފަހު މެޔަށާއި ކަރުގެ ނާރުތަކަށް އަރާ ތަދުގެ އަސްލު ސަބަބު މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށާއި، ރޭގަނޑު ހަމަނިދި ނުލިބޭ ކަމަށް އަތީގު އޭނާގެ ފޭސްބުކް ޕޯސްޓުގައި ބުނެފައިވެ އެވެ.
ބައްޔަށް އެއްވެސް ލުޔެއް ނުލިބި ދިގުލައިގެންދާތީ ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް މިހާރު ވަނީ އާސަންދަ ހަމަޖެހިފަ އެވެ. ނަމަވެސް، ބަލިވުމާ ގުޅިގެން އޭނާގެ އާމްދަނީގެ މައިގަނޑު ވަސީލަތް ކަމަށްވާ ގާޑިޔަލުގެ ވިޔަފާރި އެއްކޮށް ހުއްޓިފައިވާތީ، އިންޑިއާގައި ހޭދަވާނެ މުއްދަތެއް ނޭނގޭ ދަތުރެއްގެ ހުރުމާއި ކެއުމުގެ ޚަރަދުތައް ހަމަޖެއްސޭނެ މާލީ ތަނަވަސްކަމެއް ނެތް ކަމަށް އޭނާ ބުންޏެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރިސޯޓު ވަޒީފާ ގެއްލުމުން ދަމާ ގާޑިޔަލެއްގައި މަސައްކަތް ފެށި އަތީގު ވަނީ 2021 ވަނަ އަހަރު ފުވައްމުލަކުގައި ފުޑް ޓްރަކެއްގެ ވިޔަފާރި ފަށާފަ އެވެ. ހުޅުމާލޭގައި މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް އެކްސްޕޯގައި އޭނާގެ ގާޑިޔަލުން ވިއްކި ޝަވަރުމާއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނުއިރު، އޭރު ލިބުނު ފައިދާގެ އެއްބައި އޭނާ ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ވެސް ހަދިޔާކޮށްފަ އެވެ.
އަތީގަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް، ހަސަން އަތީގުގެ ނަމުގައިވާ ބީއެމްއެލް އެކައުންޓް ނަންބަރު 7703234441101 އަށް ނުވަތަ އެމްއައިބީ އެކައުންޓް ނަންބަރު 90603100669081001 އަށް ފައިސާ ޖަމާކުރެވޭނެ އެވެ.









