މުބާރާތުގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް އެންމެ ލަނޑެއް ވެސް ކާމިޔާބު ނުކުރެވި، ބަންގްލަދޭޝްގައި ކުރިއަށްދާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކަޓައިފި އެވެ. ދިވެހި ޓީމަށް މުބާރާތް ނިމުނީ ގްރޫޕްގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އަތުން 1-0 އިން ބަލިވުމުންނެވެ.
ޑާކާގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަމައެކަނި ލަނޑު އިންޑިއާއިން ޖެހީ 38 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އިންޑިއާގެ ވިންގާ އަބްދުލް ރަބީހަށް ރާއްޖޭގެ ޑިފެންޑަރު ހުސައިން ސިފާއު ޔޫސުފް (ކުރޯ) އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ސުހޭލް އަހުމަދު ބަޓް އެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ.
ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 3-0 އިން ބަލިވެފައި އޮތުމުން މުބާރާތުގައި ކުރިއަށް ދިއުމަށް މޮޅެއް ކޮންމެހެން ބޭނުންވެފައި އޮތް ރާއްޖެއިން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް މުޒްދާން ހަސަން ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތް ކުރިއިރު، ޒުވާން ފޯވާޑް އީތަން އިބްރާހިމް ޒަކީ ވަނީ އިންޑިއާގެ ޑިފެންސަށް ބާރުބޮޑުކޮށްފަ އެވެ. މެޗުގެ ފަހު ވަގުތުކޮޅު ތެރޭގައި ރާއްޖެއިން ނަތީޖާ ހަމަހަމަ ކުރުމާ ވަރަށް ގާތަށް ޖެހިލި ނަމަވެސް، އިންޑިއާގެ ގޯލްކީޕަރު ޕްރިޔާންޝް ދުބޭ ވަނީ އެ ނުރައްކާތެރި ހަމަލާ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.
ކޯޗު ނައުޝާދު މޫސާގެ އިރުޝާދުގެ ދަށުން 23 އަހަރުން ދަށުގެ ކުޅުންތެރިންނާއެކު މި މުބާރާތަށް ނުކުތް އިންޑިއާ ޓީމުން ވަނީ ކުޅުނު ދެ މެޗު ވެސް ކޮންޓްރޯލްކޮށްގެން މޮޅުވެ، ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދައިފަ އެވެ. މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދީ ޕާކިސްތާނެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތަށި 10 ވަނަ ފަހަރަށް އުފުލާލުމަށް އަމާޒު ހިފާފައިވާ އިންޑިއާ އަންނަ ހޮނިހިރު ދުވަހު ކުޅޭ ސެމީ ފައިނަލުގައި ނުކުންނާނީ ގްރޫޕް އޭގެ ދެވަނަ ހޯދާ ޓީމަކާ ދެކޮޅަށެވެ. އެ ގްރޫޕުން ބަންގްލަދޭޝްއަށް ސެމީގެ ޖާގަ ކަށަވަރުވެފައިވާއިރު، ދެވަނައިގައި މިވަގުތު އޮތީ ސްރީލަންކާ އެވެ.













ސަރުކާރުން ބަލަންވީ ނަތީޖާ ނުނެރެވޭ ކުޅިވަރުތަކައް ހަރަދު ނުކުރަން. ކުޑަ ހަރަދަކުން މެޑަލްގެނެސްދޭ ކުޅުވަރތަކަޢް ފުޓުބޯޅައަޢް ކުރާ ހަރަދު ކުރަން. އޭރުން ކުރާ ހަރަދާ އެއްވަރުގެ ނަތީޖާ ލިބޭނެތާ. މިހާރު މިވަނީ ފޫނެތް ފަޔަކަޢް ފެންފުރުންފަދަ ކަމަކަޢް. ތަކުރާރުކޮއް ކޮންމެ ފަހަރަކު ތައްޓޭ ކިޔާފަގޮސްފަ އަންނަޏީ ފަނުފުލުން ގޮސްގެން