ދުންޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން ކުރިމަތިވާ މޫސުމީ ކާރިސާތަކަށް ހޭނުމަށް ކުރާ މަސައްކަތުގައި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތައް ބޮޑެތި ދަރަނިތަކުގައި ޖެހެންޖެހޭ ހާލަތު ބަދަލުކޮށް، ތަރައްގީވެފައިވާ ގައުމުތަކުން މާލީ އިލްތިޒާމުތައް ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ތުރުކީގެ އަންތާލިއާގައި ކުރިއަށްދާ ކޮޕް 31 ސަމިޓުގައި ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ މޫސުމީ ރެޒިލިއެންޓް މުސްތަގުބަލެއް ބިނާކުރުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށާއި، އެކަމަށްޓަކައި ބައިނަލްއަގުވާމީ މާލީ އެހީތެރިކަން ކޮންމެހެން ބޭނުންވާ ކަމަށެވެ.
މޫސުމީ މައްސަލަތަކުގައި ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ މައިގަނޑު ތިން ކަމެއް ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭއިރު، މާލީ އެހީއަކީ އަލަށް ދެވޭ، އިތުރުކުރެވޭ އަދި ހިލޭ ދެވޭ އެހީއަކަށް ވާންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ގްރީން ކްލައިމެޓް ފަންޑާއި އެޑަޕްޓޭޝަން ފަންޑު އަދި ގެއްލުމުގެ ބަދަލުދޭ ފަންޑަށް އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ގޮވާލެއްވީ މޫސުމީ އެހީ ދިނުމުގެ ނިޒާމުތައް އިސްލާހުކުރުމަށެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުން މޫސުމަށް ހޭނުމަށް ކުރާ އިންވެސްޓްމަންޓްތަކާ މެދު ދެކޭ ގޮތާއި ރޭޓްކުރާ އުސޫލުތައް ބަދަލުކުރަންޖެހޭ ކަމަށާއި، ރެޒިލިއެންސްއަށް ކުރެވޭ މަސައްކަތަކީ މާލީ ބުރައެއްގެ ބަދަލުގައި އެންމެންގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި މޫސުމީ ސިޔާސަތުތައް އަމަލީ ގޮތުން ތަންފީޒުކުރުމަށް ގޮވާލައްވަމުން، ކާނާގެ ކަށަވަރުކަމާއި ހަކަތަ އަދި ފެނުގެ ވަސީލަތްތައް ގާއިމުކުރުމުގައި ރާއްޖެއިން އަމާޒުތައް އަމަލީ މަސައްކަތަށް ބަދަލުކުރަމުންދާކަން ރައީސް ހާމަކުރެއްވިއެވެ. އެގޮތުން މިދިޔަ މަހު ރާއްޖޭގެ މުއައްސަސާއަކަށް ގްރީން ކްލައިމެޓް ފަންޑުގެ އެކްރިޑިޓޭޝަން ލިބިފައިވާކަން ފާހަގަކުރައްވައި، މިއީ އޭޝިއާގެ ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމަކަށް މިފަދަ ކާމިޔާބީއެއް ހާސިލުވި ފުރަތަމަ ފަހަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަމަލީ ގޮތުން ތަންފީޒު ނުކުރެވޭ އުއްމީދުތަކަކީ ހަމައެކަނި ވައުދުތަކެއްގެ ގޮތުގައި ސިފަކުރައްވަމުން، ރާއްޖެއިން ގޮވާލަނީ އިންސާފަށާއި ޒިންމާ އަދާކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ކަމަށްވާއިރު، ކުރިން އުފެއްދި 53 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތަ މިހާރު 126 މެގަވޮޓަށް އިތުރުކުރެވިފައިވާ ކަމަށާއި، މިއީ 2023 ވަނަ އަހަރާ ހަމައަށް އުފެއްދި މިންވަރަށް ވުރެ ދެގުނައަށް ވުރެ އިތުރު އަދަދެއްކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.












