ޤައުމީ މުޙިއްމު ކަންކަމުގައާއި ސަރުކާރު ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާއާއި ލަފާ އަރުވާނެ ”ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް“ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު މިއަދު އެކުލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު އަމިއްލަފުޅަށް ރިޔާސަތު ބަލަހައްޓަވާ ގޮތަށް އުފެއްދެވި މި މަޖިލީހަކީ ޤައުމަށް ދިމާވާ ތަފާތު ގޮންޖެހުންތަކާއި، ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ މުޙިއްމު މަޝްވަރާތައް ހޯއްދެވުމަށްޓަކައި އެކުލަވާލެއްވި ޚާއްޞަ މަޖިލީހެކެވެ.
މި މަޖިލީހުގައި ދައުލަތުގެ އެކި ޝަރަފާއި ޢިއްޒަތް އަރުވާފައިވާ 12 ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. އެއީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ކަމާލުއްދީނާއި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމާއި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިނާއި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދާއި، ނިޝާން ޢަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލުގެ އިތުރުން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑޮކްޓަރ މުޙައްމަދު ލަޠީފެވެ.
މީގެއިތުރުން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއާއި، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާޢީލް ޢަލީއާއި، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙްމަދު ނަސީމާއި، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ބަދުރުއްނަޞީރާއި، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އާދަމް ޢަބްދުއްރަޙްމާނު އަދި ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އަޙްމަދު ޝާކިރުވެސް މި މަޖިލީހުގައި ހިމެނިވަޑައިގަންނަވައެވެ.
ދައުލަތުގެ އިއްޒަތްތެރިންގެ މައްޗަށް އެކުލެވޭ ޚާއްޞަ މަޝްވަރާ މަޖިލީހެއް އުފެއްދަވާނެކަން ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ އިޢުލާނު ކުރެއްވީ މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.












