ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެހީތެރިކަން ހޯދުމަށް ރާއްޖެއާއި ސީޝެލްސް ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެއްޖެއެވެ.
މިގޮތަށް އެއްބަސްވެފައިވަނީ ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ 31 ވަނަ ކޮންފަރެންސް (ކޮޕް31) ސަމިޓުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސީޝެލްސްގެ ނައިބު ރައީސް ސަބާސްޓިއަން ޕިއްލޭއާއެކު ބޭއްވެވި މުހިންމު ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ލީޑަރުން ވަނީ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ މޫސުމީ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ބައިނަލްއަޤުވާމީ މަސްރަޙުގައި އެކުގައި ވަކާލާތުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމީ ވިލުންތެރިކަން ހަރުދަނާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި ވަސީލަތްތައް ހޯދުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށްވެސް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ.
މި މަހުގެ 9 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގެ ތެރެއިން ދުނިޔޭގެ ވެރިންގެ މަތީ ފަންތީގެ ބައްދަލުވުންތައް ތާވަލުކޮށްފައިވަނީ މި މަހުގެ 11 އިން 12 އަށެވެ.












