އިޙްތިރާމް އަދާކުރުމުގެ ސަގާފަތެއް އަލުން އާލާކޮށް، އަޚްލާޤީ ގޮތުން ފުރިހަމަ، ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމުގެ މަތިވެރި މަޤްޞަދުގައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ”އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު“ ރަސްމީކޮށް އިފްތިތާޙު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 14 ވާ ހޮނިހިރު ދުވަހުއެވެ.
މިއީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަށާއި، އެކަކު އަނެކަކަށް ޤަދަރާއި އިޙްތިރާމް ކުރުމުގެ ރީތި އާދަތައް އާންމުކުރުމަށް ރޭވިގެން ކުރިއަށްދާ ޤައުމީ ފެންވަރުގެ ބޮޑު ކެމްޕެއިނެކެވެ.
މި މަޝްރޫޢު ހިންގުމުގެ މައިގަނޑު ބޭނުމަކީ އިޖުތިމާޢީ މާހައުލުގައްޔާއި، އާއިލީ ގުޅުންތަކުގައި އަދި މަސައްކަތުގެ މާހައުލުގައިވެސް އިޙްތިރާމް ކުރުމުގެ މުހިންމުކަން ހާމަކޮށްދީ، ޞާލިޙު އަދި ސުލޫކީ ގޮތުން ނަމޫނާ ޖީލެއް ބިނާކުރުމެވެ. މުޖުތަމަޢުގައި އުފެދޭ އެކި ނުބައި އާދަތަކާއި، އަޚްލާޤީ މިންގަނޑުތަކާ ޚިލާފު ކަންކަން މަދުކޮށް، އެކުވެރިކަމާއެކު އުޅޭނެ އަމާން އަދި ތަހުޒީބު މާހައުލެއް ޤާއިމުކުރުމަށް މި ކެމްޕެއިންގެ ދަށުން ޚާއްޞަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ.
މަޝްރޫޢު ރަސްމީކޮށް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާއިރު، މިކަމާ ގުޅޭގޮތުން ވަޒީރު ހީނާ ވަލީދު ދަނީ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާއި، މީޑިއާތަކާއި އެކު ޚާއްޞަ ބައްދަލުކުރެއްވުންތައް ބާއްވަވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ސަރުކާރުގެ އެކި ވުޒާރާތަކާއި މުއައްސަސާތައް ގުޅިގެން މި މަޝްރޫޢުގެ ހަރަކާތްތައް އަމަލީގޮތުން ކުރިއަށްދާނެ ގޮތްތަކާއި، ކެމްޕެއިންގެ މެސެޖުތައް މުޅި މުޖުތަމަޢަށް ފޯރުކޮށްދިނުމުގައި ވުޒާރާތަކުގެ ދައުރާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މި ޤައުމީ ކެމްޕެއިންގެ މެސެޖުތައް ރާއްޖޭގެ ކޮންމެ ކަންކޮޅަކަށް ފޯރުކޮށްދިނުމަށްޓަކައި މީޑިއާތަކުގެ ދައުރު ބޮޑުއިރު، ރާއްޖޭގެ 34 މީޑިއާއަކުން ވަނީ މި މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެ، އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މީޑިއާތަކުގެ އެއްބާރުލުމާއެކު، ނޮވެމްބަރު 14 ގައި ފަށާ މި މަޝްރޫޢު ވެގެންދާނީ މުޅި މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތައް އުފުލައި، އެކުވެރި ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށެވެ.













