ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި އުމްރާނީ ތަރައްގީގެ މުހިންމު 22 މަޝްރޫއެއް ކުރިއަށް ގެންދިއުމަށްޓަކައި، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ. މި ރަސްމިއްޔާތުގައި އެ މަޝްރޫއުތައް ކުރިއަށްދާ ދާއިރާތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ:
- މަގުހެދުމުގެ 8 މަޝްރޫއު: އދ. ހަންޏާމީދޫ، ބ. ކަމަދޫ، ކ. މާފުށި، ނ. މާޅެންދޫ، ރ. އަނގޮޅިތީމު، ރ. ވާދޫ، ށ. ކޮމަންޑޫ އަދި ތ. ވަންދޫ.
- ގޮނޑުދޮށް ހިމާޔަތްކުރުމުގެ 5 މަޝްރޫއު: އއ. މާޅޮސް، ހއ. ތުރާކުނު، ހދ. ނައިވާދޫ، ހއ. ވަށަފަރު އަދި ނ. މިލަދޫ.
- ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމުގެ 6 މަޝްރޫއު: ކ. ތުލުސްދޫ، ގއ. ކަނޑުހުޅުދޫ، ގއ. ނިލަންދޫ، ތ. ކަނޑޫދޫ، ތ. ވިލުފުށި އަދި ނ. ހޮޅުމީދޫ.
- މޫދަށް އެރޭ ސަރަހައްދާއި ސްލިޕްވޭ ތަރައްގީކުރުން: ހދ. ވައިކަރަދޫގައި ސްލިޕްވޭ އަދި ބީޗް ސަރަހައްދު ތަރައްގީކުރުމާއި، ރ. ފައިނުގައި ބީޗް ސަރަހައްދު ތަރައްގީކުރުން.
- އިމާރާތްކުރުމުގެ މަޝްރޫއު: ޏ. ފުވައްމުލަކު ސިޓީގައި އިމާރާތްކުރާ 9 ފަންގިފިލާގެ އޮފީސް ކޮމްޕްލެކްސް.
މި މަޝްރޫއުތަކަކީ ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދީ، ރަށްރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މުހިންމު މަސައްކަތްތަކެކެވެ.













