ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ދިރިއުޅެވޭ ވަކި ސަރަޙައްދުތަކެއް އުފެދޭ ގޮތަށް މަޝްރޫޢުތައް ކުރިއަށް ނުގެންދިއުމަށް ޢަދާލަތު ޕާޓީން ސަރުކާރަށް އިލްތިމާސްކޮށް ޤަރާރެއް ނެރެފިއެވެ.
އެ ޕާޓީން ނެރުނު ޤަރާރުގައި ބަޔާންކޮށްފައިވަނީ، މިފަދަ ގޮތަކަށް ބޭރު މީހުން ދިގު މުއްދަތަކަށް ދިރިއުޅޭ ވަކި ސަރަޙައްދުތަކެއް އުފެދިގެންދާ ނަމަ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ޢާންމު މަސްލަޙަތުގެ އިތުރުން، ދިވެހި ޘަޤާފަތާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެ ކަމަށެވެ.
އިންޓަރނޭޝަނަލް ރިއަލް އެސްޓޭޓް މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި އަމާޒު ހިފަންވާނީ ބޭރު މީހުންނަށް ދާއިމީކޮށް ދިރިއުޅޭނެ ސަރަޙައްދުތައް ހެދުމުގެ ބަދަލުގައި، އެ ފަރާތްތަކުން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސް ބޭނުންކުރާނެ ”ހޮލިޑޭ ހޯމްސް“ ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށް ކަމަށް އެ ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގައި އިންޓަރނޭޝަނަލް ރިއަލް އެސްޓޭޓު މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ޢަދާލަތު ޕާޓީއިން ނެރޭ ޤަރާރު pic.twitter.com/9nzMn6BS3N
— Adhaalath Party (@AdhaalathOffice) November 10, 2026
އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންޓަރނޭޝަނަލް ރިއަލް އެސްޓޭޓް ނުވަތަ ހޮލިޑޭ ހޯމްސް ފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ވިލުންތެރި އިޤްތިޞާދެއް ބިނާކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށް ދެކޭ ކަމަށްވެސް ޢަދާލަތު ޕާޓީގެ ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.













