ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އައި އެންމެ ބޮޑު އެއް ބަދަލަކީ ޒަމާންވީ ރަސްކަމުގެ ނިޒާމު ނިމުމަކަށް އައިސް، ދައުލަތުގެ އެންމެހައި ބާރުތަކުގެ އަސްލަކީ ރައްޔިތުން ކަމުގައި ކަނޑައެޅިގެން ދިޔަ ޖުމްހޫރީ ވެރިކަމުގެ ނިޒާމު ޤާއިމުވެގެން ދިޔުމެވެ.
ޖުމްހޫރިއްޔަތަކީ ހަމައެކަނި ވެރިކަން ހިންގުމުގެ އޮނިގަނޑެއް ނޫނެވެ. އެއީ ރައްޔިތުންގެ މިނިވަންކަމާއި، ހަމަހަމަކަމާއި، އިންސާނީ ކަރާމާތް ދަމަހައްޓައި، ޤައުމުގެ އެންމެ މަތީ ވެރިޔާއިން ފެށިގެން އާދައިގެ ރައްޔިތަކާ ހަމައަށް ޤާނޫނުގެ ކުރިމަތީގައި އެއްވަރަކަށް ޖަވާބުދާރީވާން މަޖުބޫރުކޮށްދޭ ދުސްތޫރީ ފަލްސަފާއެކެވެ. ދިވެހިރާއްޖޭގައި މި ނިޒާމު ބިނާވެގެން އައިސްފައިވަނީ އިސްލާމީ މަތިވެރި އުޞޫލުތަކާއި، މަޝްވަރާގެ ރިވެތި އާދަތަކުގެ މައްޗަށެވެ. އެހެންކަމުން ދިވެހި ޖުމުހޫރިއްޔަތަކީ ދިވެހީންގެ އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒުކަމުގައި ގަބޫލުކުރަން ޖެހެއެވެ.
ދިވެހި ޖުމްހޫރިއްޔަތުގެ ފުރަތަމަ ތަޖުރިބާ ފެށިގެން ދިޔައީ 1 ޖެނުއަރީ 1953 ގައި ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ރައީސްކަމުގައެވެ. މި ފުރަތަމަ ޖުމްހޫރިއްޔާއަކީ ދިވެހި މުޖުތަމަޢު ޒަމާނީ ކުރުމަށާއި، ތަޢުލީމީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ދިވެހިން ބާރުވެރިކުރުވުމަށް އެޅުނު ވަރަށް ހިތްވަރުގަދަ ފިޔަވަޅެކެވެ. ޚާއްޞަކޮށް އަންހެނުން ސިޔާސީ އަދި އިޖުތިމާޢީ މައިދާނަށް ނެރުމަށާއި، ދައުލަތުގެ ހިންގުން ހަރުދަނާ އުޞޫލުތަކަކަށް ފެއްތުމަށް އެ ދުވަސްވަރު ގިނަގުނަ މަސައްކަތްތަކެއް ކުރެވުނެވެ. ނަމަވެސް އެ ދަނޑިވަޅަކީ ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގެ ސަބަބުން ކުރިމަތިވި ބޮޑުތަދާއި އިޤްތިޞާދީ ދަތިކަން އިންތިހާއަށް ބޮޑުވެފައި އޮތް ދުވަސްވަރަކަށް ވުމުން، މާގިނަ ދުވަސްތަކެއް ނުވެ މި ފުރަތަމަ ޖުމްހޫރިއްޔާ އުވި، އަލުން އަނބުރާ ރަސްކަމަކަށް ޤައުމު ރުޖޫޢަވިއެވެ.
ފުރަތަމަ ޖުމްހޫރިއްޔާގެ ތަޖުރިބާއިން ލިބުނު ފިލާވަޅުތަކާއެކު، ދިވެހިރައްޔިތުން އަނެއްކާވެސް ޖުމްހޫރީ ވެރިކަމަކަށް އެދި ފާޅުކުރި އިހުސާސްތަކުގެ ނަތީޖާއެއްގެ ގޮތުން، 11 ނޮވެމްބަރު 1968 ގައި ދިވެހި ދެވަނަ ޖުމްހޫރިއްޔާ އިޢުލާނު ކުރެވުނެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. މި ދައުރަކީ ދިވެހިރާއްޖެ ބައިނަލްއަޤްވާމީ ދުނިޔެއަށް ހުޅުވި، ޒަމާނީ ފަތުރުވެރިކަމާއި، ވައިގެ ދަތުރުފަތުރާއި، މަސްވެރިކަމުގެ ސިނާޢަތް ފުޅާވެ، ދިވެހި އިޤްތިޞާދުގެ ބިންގާ ވަރުގަދަވެގެން ދިޔަ ދުވަސްވަރެކެވެ. މިއާއެކު، މެދުކެނޑުމެއްނެތި ދެމިއޮތް ދެވަނަ ޖުމްހޫރިއްޔާއަކީ ރާއްޖެއަށް އަމާންކަމާއި، ޢުމްރާނީ ތަރައްޤީ ގެނެސްދިން މުހިންމު ބާބަކަށް ވެގެންދިޔައެވެ.
ޒަމާނަށް އަންނަމުންދިޔަ ބަދަލުތަކާއެކު ރައްޔިތުންގެ ސިޔާސީ ހޭލުންތެރިކަން އިތުރުވެ، ދުނިޔޭގެ ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ވެރިކަމުގެ ނިޒާމު އިސްލާޙުކުރުމަށް ގޮވާލެވުނު އަޑުތައް ގަދަވެގެން ދިޔައެވެ. މިގޮތުން 7 އޮގަސްޓް 2008 ގައި ތަޞްދީޤުކުރެވުނު އައު ޤާނޫނުއަސާސީއާއެކު، ދިވެހި ޖުމްހޫރިއްޔަތު މުޅިން އައު މަރުޙަލާއަކަށް ފިޔަވަޅު އެޅިއެވެ. މި އައު ބިނާގެ ދަށުން ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު ވަކިކުރެވި، އެއް ބާރުން އަނެއް ބާރަށް ފާރަވެރިވެވޭނެ ނިޒާމެއް ޤާއިމުކުރެވުނެވެ. މީގެއިތުރުން އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދީ، މިނިވަން މުއައްސަސާތައް އުފެދި، ސިޔާސީ ޕާޓީތައް އެކުލެވޭ ވާދަވެރި ޑިމޮކްރެސީއަކަށް މަގުފަހިވެގެން ދިޔައެވެ.
ދިވެހި ޖުމްހޫރިއްޔަތުގެ މައިބަދައަކީ ދިވެހިންގެ ޤައުމިއްޔަތާއި އިސްލާމީ އަޤީދާއެވެ. ދިވެހިވަންތަކަމުގެ މައިގަނޑު އަސާސްތައް ކަމުގައިވާ އެއްބަހަކުން ވާހަކަދެއްކުމާއި، އެއް ސަގާފަތެއް ހިއްސާކުރުމާއި، ޒަމާނުއްސުރެ އޮތް އެކުވެރިކަމުގެ ގުޅުންތަކަކީ ޖުމްހޫރީ ވެރިކަމެއް ދެމެހެއްޓުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. ޖުމްހޫރިއްޔަތެއްގެ ޙަޤީޤީ ރޫޙަކީ ރައްޔިތުންގެ ބައިވެރިވުމެވެ. ހަމައެކަނި ވޯޓުލާ ދުވަހު ނުކުމެ ވޯޓު ދިނުމުގެ އިތުރަށް، ދައުލަތް ހިންގުމުގެ ކަންކަމުގައި ބަސްބުނުމާއި، ކޮރަޕްޝަނާ ދެކޮޅަށް ތެދުވުމާއި، އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލުމަކީ ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެކެވެ.
ޖުމްހޫރީ ދުވަހެއް ފާހަގަކުރަމުންދާއިރު، މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ލިބިފައިވާ ޑިމޮކްރެޓިކް މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނުނަގައި، ޤައުމުގެ މަސްލަޙަތު އިސްކުރުމެވެ. ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން އިޖުތިމާޢީ ފޭރާން ވީދިގެން ދިޔަނުދީ، ޤައުމީ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ޖުމްހޫރިއްޔަތުގެ ދިފާޢުގައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މީގެއިތުރުން، އަންނަން އޮތް ޖީލުތަކަށްޓަކައި ޤައުމުގެ އިޤްތިޞާދީ މިނިވަންކަމާއި، ޚާރިޖީ ސިޔާދަތު ރައްކާތެރިކޮށް، ޤާނޫނުގެ ވެރިކަން ނަގަހައްޓަން ޖެހެއެވެ.
ދިވެހި ޖުމްހޫރިއްޔަތުގެ މުސްތަޤުބަލު އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. ޤައުމުގެ އެންމެހައި ކަންކަން ނިންމުމުގައި ޢަދުލުވެރިކަމާއި، އިންޞާފާއި، ތެދުވެރިކަން އިސްކޮށް، ވަކިވަކި ފަރުދުންގެ ޒިންމާތައް ފުރިހަމައަށް އަދާކޮށްގެން މެނުވީ ޖުމްހޫރިއްޔަތުގެ މޭވާ ފުރިހަމަ ގޮތުގައި ނުބިނދެވޭނެއެވެ. އެހެންކަމުން، ދިވެހި ޖުމްހޫރިއްޔާ އޭގެ ޙަޤީޤީ އަމާޒަށް ވާސިލުކޮށްދިނުމަށްޓަކައި، ޤައުމީ ލޯތްބާއި އިޚްލާޞްތެރިކަމާއެކު އެންމެން އަތުގުޅާލައިގެން މަސައްކަތްކުރުމަކީ މިއަދު ދިވެހި ކޮންމެ ދަރިއެއްގެ ޤައުމީ ވާޖިބެކެވެ.




